ނަހުލާގެ ފިލްމަކަށް ކުޑަ އަންހެން ކުއްޖަކު ހޯދަނީ
ނަހުލާގެ ފިލްމަކަށް ކުޑަ އަންހެން ކުއްޖަކު ހޯދަނީ

މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމަކަށް ކުޑަ އަންހެން ކުއްޖަކު ހޯދަން ފަށައިފި އެވެ.

ނަހުލާ ވަނީ އޭނާގެ ފޭސްބުކް ސްޓޭޓަސްގައި، ކުއްޖަކު ބޭނުންވާ ވާހަކަ ފޭނުންނާ ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ބޭނުން ވަނީ ފިލްމެއްގެ މުހިއްމު ރޯލެއް ކުޅެން ހަތް އަހަރާއި 10 އަހަރާ ދެމެދުގެ އަންހެން ކުއްޖެއް ކަމަށެވެ.

އެހެންވެ ޝައުގުވެރިވާ ފަރާތްތަކުން ފޭސްބުކުން މެސެޖް ކުރަން އެދިފައިވެ އެވެ.

ފިލްމެއްގެ ރޯލަކަށް ކުޑަ އަންހެން ކުއްޖަކު ހޯދަން ނަހުލާ އިއުލާން ކުރި އިރު، އޭނާގެ ކުރިއަށް އޮތް ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) ގެ ޝޫޓިން މިހާރު ވަނީ ނިންމާލައިފަ އެވެ. އެ ފިލްމުގެ މަސައްކަތް ފަށަން އުޅުނު ފިލްމަށް ކަޅު ބުޅަލެއް ހޯދަން ވެސް ނަހުލާ ފޭސްބުކްގައި ޖެހި އެވެ.

"4426" އަންނަ މަހުގެ 18 ގައި ޕްރިމިއާ ކުރާނެ އެވެ.

ނަހުލާ ބުނީ ކުޑަ އަންހެން ކުއްޖަކު ހޯދަނީ ކޮން ފިލްމަކަށްކަން އަދި ބުނެވެން ނެތް ކަމަށެވެ. އެހެންވެ އޭގެ މައުލޫމާތު ފަހުން ދޭނެ ކަމަށް ބުންޏެވެ.

ނަހުލާ ދާދި ފަހުން ބުނި ގޮތުގައި "4426" އަށް ފަހު ދެން ހަދާނީ ލޯބީގެ ފިލްމެކެވެ. އަދި ވަރަށް އަނިޔާވެރި ގޮތަކަށް މިދިޔަ އަހަރު ވ. ރަކީދޫގައި މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދާނެ ކަމަށް ވެސް ނަހުލާ ކުރިން ބުނެފައިވެ އެވެ.

ނަހުލާ މީގެ ކުރިން ހަދާފައިވާ ފިލްމުތަކުގައި ކުޑަކުދިން ވަރަށް މުހިއްމު ރޯލްތަކެއް ކުޅެފައިވާކަން ފާހަގަކޮށްލެވެ އެވެ.

އޭގެ ތެރޭގައި "ޒުލޭހާ" އާއި "ނާއުއްމީދު" އަދި "ޔޫސުފް" ހިމެނެ އެވެ. މީގެ އިތުރުން ނަހުލާ ލިޔެ ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުން ވެސް ކުޑަކުދިންގެ މުހިއްމު ރޯލްތަކެއް ފެނިފައިވެ އެވެ.

އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި "ވީރާނާ" އާއި ކުރު ފިލްމް "ބުޅާ ދޮންބެ" ހިމެނެ އެވެ.