19 މެއި 2019 - 15:49

ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.
ދީބާޖާ އަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމްކުރީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު 2010 ވަނަ އަހަރު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލައިގަ އެވެ. ދީބާޖާ އަށް ބަދަލު ދޭން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް މިދިޔަ މަހު ވަނީ ދަމަހައްޓައިފަ އެވެ.
ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ފަށާފައިވާއިރު، އެ މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ ހެނދުނު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ހުކުމް ތަންފީޒު މަރުހަލާގެ ދެވަނަ އަޑުއެހުން މާދަމާ ބާއްވާއިރު، ހުކުމް ތަންފީޒު ކުރަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ބާތިލްކޮށްދޭން ދައުލަތުން ސިވިލް ކޯޓުގައި ވަނީ އެދިފަ އެވެ. އެކަމަކު ސިވިލް ކޯޓުން ބުނެފައިވަނީ އެ މައްސަލާގެ ހުކުމް ތަންފީޒު ކުރަނީ އެ ބާވަތުގެ އެހެން މައްސަލަތަކުގައި ވެސް އަމަލުކުރާ އުސޫލުން ކަމަށާއި އެކަމުގައި އުސޫލާ ޚިލާފް ކަމެއް ނެތް ކަމަށެވެ.