ދަރިފުޅަށް ކިއުނު ނަމާ މެދު ހިތްހަމަޖެހޭތަ؟
ދަރިފުޅަށް ކިއުނު ނަމާ މެދު ހިތްހަމަޖެހޭތަ؟

ތަފާތު، ރީތި ނަމެއް ދަރިފުޅަށް ކިޔުމަކީ ވަރަށް ގިނަ މީހުން އެދޭ ގޮތެވެ. އެކި ގޮތްގޮތުން ހޯދާ ނަން ދަރިފުޅަށް ދިނުމަށް ފަހު ދުވަސްކޮޅަކުން ހަމަ އެ ނަމުގެ ބައިވަރު ކުދިން ފެނިދާނެ އެވެ. އެކަމާ ހިތްހަމަ ނުޖެހެ އެވެ. އިނގިރޭސި ވިލާތުގައި ހޯދި ހިޔާލު ހޯދުމަކުން ދައްކަނީ ކޮންމެ ފަސް މީހަކުން އެކަކު އެމީހުންގެ ދަރިންނަށް ކިއުނު ނަމާ މެދު ހިތާމަކުރާ ކަމަށެވެ.

ހިޔާލު ހޯދުމުގައި ބައިވެރިކުރި މީހުންގެ ތެރެއިން 25 ޕަސެންޓް މީހުން ބުނެފައި ވަނީ އެމީހުން ހިތާމަކުރަން ޖެހުނު ސަބަބަކީ އެމީހުންނަށް ޚިޔާރު ކުރެވުނު ނަން މާ ގިނަ ކުދިންނަށް ކިޔާތީ ކަމަށެވެ. އަދި 11 ޕަސެންޓް މީހުން ބުނެފައި ވަނީ ދަރިފުޅަށް ކިޔުނު ނަމާ މެދު އެމީހުންނަށް ދެރަވަނީ އެއީ ކިޔަން ނުވަތަ ލިޔަން އުނދަގޫ ނަމަކަށް ވާތީ ކަމަށެވެ.

ޕޭރެންޓިން ވެބްސައިޓެއް ކަމަށްވާ މަމްސްނެޓް އިން ހޯދި ޚިޔާލުތަކުން ދައްކާ ގޮތުން ދަރިންނަށް ކިއުނު ނަމާ ދޭތެރޭ ހިތްހަމަ ނުޖެހެނަސް ނަން ބަދަލުކުރަނީ އެންމެ ދެ ޕަސެންޓް މީހުންނެވެ.

މި ޚިޔާލުހޯދުމުގައި ބައިވެރިވި ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ނުވަތަ 32 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި އެމީހުންގެ ދަރިންނަށް ކިޔުނު ނަން ރަނގަޅު ނޫންކަން ވިސްނުނީ ދަރިފުޅު އުފަންވީތާ ހަ ހަފުތާ ފަހުން ކަމަށެވެ. އަނެއް 23 ޕަސެންޓް މީހުން ބުނީ ދަރިންނަށް ކިޔުނީ ރަނގަޅު ނަމެއް ނޫންކަން އިހްސާސް ކުރެވުނީ އެކުދިން ސްކޫލަށް ދާން ފެށުމުން ކަމަށެވެ.

ނަން ކަމުނުދާކަން ދަރިފުޅު އުފަންވުމުގެ ކުރިން ވިސްނުނު ކަމަށް ބުނި 16 ޕަސެންޓް މީހުން ތިއްބެވެ. މިއީ އާދަޔާ ހިލާފް ކަމެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.

އިނގިރޭސި ވިލާތުގެ މީހުން ހިތާމަކުރާ ނަންނަމުގެ ތެރޭގައި ޝާލީ، އަމޭލިއާ، އޭން، ޑެނިއަލް، ޖޭކޮބް، ޖޭމްސް އަދި ތޯމަސް ހިމެނެ އެވެ. ދަރިފުޅު އުފަންވިތާ މާގިނަ ދުވަސްތަކެއް ނުވެ ދަރިފުޅުގެ ނަން ޓެރަރިސްޓް ގްރޫޕަކަށް ކިޔައިގެން އެކަމާ ދެރަވަފައި ހުރި މީހަކާއި ދަރިފުޅަށް އެލްސާގެ ނަން ދިންތާ ދުވަސްކޮޅެއް ނުވެ ފިލްމު "ފްރޯޒަން"ގައި އެ ނަމުގެ ކެރެކްޓާއެއް އުޅޭތީ ދެރަވާ މީހަކު ވެސް ދިރާސާ އަށް ހިޔާލު ދީފައިވެ އެވެ.

އިނގިރޭސި ވިލާތުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި 2015 ވަނަ އަހަރު އެންމެ ގިނަ ކުދިންނަށް ކިޔާފައިވަނީ އަމޭލިއާ އެވެ. ފިރިހެނުންނަށް އޮލިވާ އެވެ.