20 މެއި 2019 - 13:50

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ފަސް މިލިއަން ރުފިޔާގެ މެޑިކަލް ކޮންސިއުމަބްލްސް ނުވަތަ ސިއްހީ ސާމާނު ނައްތާލަން އުޅޭ ކަމަށް ކުރި ތުހުމަތު އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.
ސޯޝަލްމީޑިއާގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އައިޖީއެމްއެޗުން ނައްތާލަން އުޅެނީ މިދިޔަ ސަރުކާރުގައި ގެނެސްފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ.
އެ ތަކެތި ގެނައުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަސް މިލިއަންގެ ސިއްހީ ސާމާނު ނައްތާލަން އުޅޭ ކަމުގެ އަޑުތަކަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
އައިޖީއެމްއެޗާ މެދު މި ތުހުމަތުކުރީ، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަން ކުރިމަތިވެފައިވާ ދަތިތަތަކާ ގުޅިގެން ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އައިޖީއެމްއެޗު ހިންގުމުގައި މިހާރު ހެލްތު މިނިސްޓްރީގެ ދައުރެއް ނޯވެ އެވެ. އެ ހޮސްޕިޓަލް ހިންގަނީ ބޯޑުންނެވެ. ސަރުކާރުން ބޭނުންވާ އެހީތެރިކަން، ފޯރުކޮށްދޭން މަންދޫއްގެ ގޮތުން ހަމަަޖައްސާފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ.