ކްރިކެޓުގައި ފުރަތަމަ ފަހަރަށް އަންހެން އަމްޕަޔަރަކު އިންސާފުކޮށްފި
ކްރިކެޓުގައި ފުރަތަމަ ފަހަރަށް އަންހެން އަމްޕަޔަރަކު އިންސާފުކޮށްފި

ރާއްޖޭގެ ގައުމީ ފެންވަރުގެ ކްރިކެޓުގައި ފުރަތަމަ ފަހަރަށް އަންހެން އަމްޕަޔަރަކު މެޗަކަށް އިންސާފުކޮށްފި އެވެ.

މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް މުބާރާތުގައި އިއްޔެ ހަވީރު ޔޫތު މިނިސްޓްރީ އާއި އެމްއެމްއޭ ކުޅުނު މެޗުގައި އަމްޕަޔަރުކަންކޮށް އެ ޝަރަފް ހޯދީ ފާތިމަތު ކިނާނަތެވެ. އޭނާ އަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޯޓްސް އާއި ކްރިކެޓް ބޯޑް ގުޅިގެން ދާދި ފަހުން ހިންގި ޕްރޮގްރާމުން ތަމްރީންވި 15 އަމްޕަޔަރުންގެ ތެރެއިން އެކެކެވެ. އިތުރުން އަމްޕަޔަރުންނަށް މި މުބާރާތުގައި ފުރުސަތު ދޭނެ އެވެ.

ކްރިކެޓް ބޯޑުން ބުނީ އެ ކުޅިވަރުގައި އަންހެނުން ވީހާ ވެސް ބޮޑަކަށް ހަރަކާތްތެރިވުމަށް ފުރުސަތުތައް ތަނަވަސްކޮށްދެމުން އަންނަ ކަމަށެވެ. އަންހެނުންނަށް ހާއްސަކޮށްގެން ޓީޓްވެންޓީ ގައުމީ ކްރިކެޓް މުބާރާތެއް ބާއްވަމުން އަންނައިރު އީދުގައި އިތުރު މުބާރާތެއް ބާއްވާނެ އެވެ. އެއަށް ފަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ އަންހެން ކްރިކެޓް ޓީމެއް އެކުލަވާލައި ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާނެ އެވެ.

ކްރިކެޓް ބޯޑުން ވަނީ މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ވެސް ހޮވަން ފަށައިފަ އެވެ. އެ މަގާމް ފުރަތަމަ ފަހަރަށް ހޯދީ އައިޝަތު އައިމާ އެވެ. އޭނާ އަކީ މީގެ ދެ އަހަރު ކުރިން ފުވައްމުލަކުގައި ފެށި ކްރިކެޓް ޔޫތު ޑިވެލޮޕްމަންޓުން ޕްރޮގްރާމް އުފެދުނު ކުޅުންތެރިޔެކެވެ. ފުވައްމުލަކުގައި އިތުރުން ލ. ކުނަހަންދޫގައި ވެސް އަންހެން ކްރިކެޓުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.