ފުލުހުންގެ ޔުނީފޯމުގައި ސާވިސް ނަންބަރު ޖަހަން ފަށައިފި
ފުލުހުންގެ ޔުނީފޯމުގައި ސާވިސް ނަންބަރު ޖަހަން ފަށައިފި

އާންމުންނަށް ފެންނާނެ ގޮތަށް ފުލުހުންގެ ސާވިސް ނަންބަރު އެ މީހުންގެ ޔުނީފޯމުގައި ހަރުކުރަން ފަށައިފި އެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ މިއީ ފުލުހުން ޒިންމާދާރު ކުރަން އެތަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެޅި، ކުޑަ ނަމަވެސް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"[ހިދުމަތް ދޭ] ފުލުހަކީ ކާކު ކަން ރައްޔިތުންނަށް އިނގުމަކީ ފުލުހުންގެ މަސައްކަތް ޒިންމާދާރު ކަމާއެކު އަދާކުރަން ވަރަށް މުހިއްމު ކަމެއް،" ޓްވިޓާ މެދުވެރިކުރައްވައި ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ ސާވިސް ނަންބަރަކީ ކޮންމެ ފުލުހަކަށް ހާއްސަަ ނަންބަރެއް ކަމަށް ވާ އިރު، އާންމުންނަށް ފެންނަ ގޮތަށް ޔުނީފޯމުގައި ހިއްޕުމުން ގަވާއިދާ ހިލާފަށް އަމަލުކުރާ ފުލުހުންގެ ޝަކުވާ ހުށަހަޅަން އާންމުންނަށް ފަސޭހަ ވާނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި މުޒާހަރާތަކަށް ފުލުހުން ނުކުންނަ އިރު، ކާކުކަން އަންގައިދޭ ނަން ވެސް ނައްޓާލާ ކަމަށް ބުނެ ޝަކުވާކޮށްފައި ވެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ސަރުކާރު ބަދަލުވުމަށް ފަހު ފުލުހުން އަންނަނީ އެތަނާ މެދު އާންމުން ދެކެމުން އަންނަ ގޮތް ބަދަލުކުރަން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ބަލާ މައްސަލަތަކުގެ އަދަދު އެތަނުން އަންނަނީ ކޮންމެ ހަފްތާއަކު އާންމުކުރަމުންނެވެ. އަދި ފުލުހުންނާ މެދު އާންމުން ކުރާ ޝަކުވާތަކަށް ވެސް އެތަނުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޖަވާބުދެމުންނެވެ.