04 ސެޕްޓެމްބަރ 2016 - 13:45

މެލޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ރާއްޖޭގެ އުމުރުން 8 އަށް އަހަރުގެ ފާތިމަތު ދީމާ އަލީ ހޯދައި، އެންމެން ހައިރާންކޮށްލައިފި އެވެ.

ސްރީ ލަންކާގައި ދިރިއުޅޭ، އެކަމަކު ސްކޫލް ބަންދުގައި އިތުރު ތަމްރީން ހެދުމަށް މި ވަގުތު މެލޭޝިއާ އަށް ގޮސް ވާދަކުރި ވަންސަ މަޖޫ، ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން އޭނާ ރަން މެޑަލް ހޯދީ ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. މި އަށް މެޗުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

"ދޮށީ އުމުރުފުރާއެއްގައި ވާދަކުރާތީ އަޅުގަނޑުމެން އުއްމީދެއް ނުކުރަން ކާމިޔާބު ވެދާނެ ކަމަކަށް. އެކަމަކު ވަރަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު ދީމާ ވަނީ ރަން މެޑަލް ހޯދައިފައި،" ޓޭބަލް ޓެނިހުގައި ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމެއް ކަމަށްވާ މެލޭޝިއާގައި ދީމާ ހޯދި ކާމިޔާބީއާ ބެހޭގޮތުން އޭނާގެ މަންމަ އައިޝަތު ވަހީދާ ބުންޏެވެ. "އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން."
ދީމާ ވަނީ ލަންކާގައި ވާދަކުރި ގިނަ މުބާރާތްތަކެއްގައި ވެސް ބޮޑެތި ކާމިޔާބީތައް ހޯދައިފަ އެވެ. މިހާރު ދީމާ އަކީ ލަންކާގެ 10 އަހަރުން ދަށުގެ އެއް ވަނަ ކުޅުންތެރިޔާ އެވެ. ލަންކާގައި އޭނާ އަށް ކޯޗުކޮށްދޭ ކޯޗުން ވެސް ތިބީ ދީމާގެ ކުރިއެރުމާއި ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވެފަ އެވެ.
"އަޅުގަނޑުމެން ބޭނުންވީ ސްކޫލް ޗުއްޓީގައި ވެސް މެދުކެނޑުމެއް ނައިސް ކުޅުން ކުރިއަށް ގެންދަން. އެހެންވެ މެލޭޝިއާގެ އެކަޑަމީއަކަށް ކޮންމެ ދުވަހަކު ގެންގޮސް ތަމްރީން ދެމުން އަންނަނީ،" ވަހީދާ ބުންޏެވެ.
ލަންކާގައި ދިރިއުޅުނަސް ދީމާ އާއި އޭނާގެ އާއިލާގެ ހިތް އޮތީ ދިވެހިރާއްޖޭގަ އެވެ. އެގޮތުން ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ ތަމްސީލްކޮށް، އަދި ދީމާ އަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އަށް ހެދުމަކީ އޭނާގެ މަންމަގެ ހުވަފެނެކެވެ.
"މި ފަހަރު ސްކޫލް ބަންދާ ރާއްޖޭގެ މުބާރާތާ ދިމާވި. އެކަމަކު އަޅުގަނޑުމެން ބޭނުންވީ މި ފަހަރު އިތުރު ތަމްރީން ދޭން. އެހެންވެ ރާއްޖެ އައިސް މުބާރާތުގައި ވާދަނުކުރީ. އެކަމަކު ކުރިމަގުގައި ރާއްޖޭގެ މުބާރާތްތަކުގައި އޭނާ ވާދަކުރާނެ،" ބުންޏެވެ. "އުއްމީދަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާއަށް އޭނާ ވުން."
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނައިރު ދީމާ މިހާރު ހޯދަމުން އަންނަ ކާމިޔާބީތަކާ އެކު އޭނާއާ މެދު ބޮޑު އުއްމީދެއް ކުރެވެ އެވެ. އޭނާގެ ކޯޗުން ވެސް އެކަން ފާހަގަކުރެ އެވެ. އަދި މި ފަހަރު މެލޭޝިއާ މުބާރާތުގައި ވާދަކުރިއިރު، ވެސް ގިނަ ބަޔަކު އެކަން އޭނާގެ ހުނަރުން ފާހަގަކުރި އެވެ.
"ވަރަށް ބޮޑު ސަޕޯޓެއް ލިބުނު. އެ އުމުރުގައި، އޭނާ އަށް ވުރެ ދޮށީ ކުޅުންތެރިންނާ ވާދަކޮށް ދެއްކި ހުނަރު ފާހަގަކުރި ގިނަ ބަޔަކު. ހާއްސަކޮށް ރާއްޖޭގެ ކުޅުންތެރިއެއްކަން އެނގުމުން ގިނަ ބަޔަކު ތަރުހީބު ދިން،" ދީމާގެ މަންމަ ބުންޏެވެ.
ދީމާގެ މައިންބަފައިން ތިބީ އޭނާގެ ހުނަރު ތަރައްގީކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ. އަދި ކުރިމަގުގައި ޗައިނާ ފަދަ ދުނިޔޭގެ ޓޭބަލް ޓެނިހުގެ ކުރީގައި އުޅޭ ގައުމުތަކުން ދީމާ އަށް ތަމްރީން ހޯދައިދޭން ވެސް ވިސްނަ އެވެ.
"މިހާރު އެ އުމުރުގައި ޗައިނާ ފަދަ ތަނަކަށް ގޮސް ކެއުމާއި މިފަދަ ކަންކަން ހުންނަ ގޮތުން އުނދަގޫވާނެތީ މަޑުކުރަނީ. އެކަމަކު އޭނާގެ ހުނަރު ތަރައްގީކުރަން، އޭނާ މި ކުޅިވަރުން ކުރިއަށް ގެންދަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ކިޔެވުމުގައި ވެސް ކާމިޔާބު ދަރިވަރާ ގުޅޭ ގޮތުން އޭނާގެ މަންމަ ބުންޏެވެ.
އެކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ސީވީޑް އަހުމަދު ލަތީފްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެ އެވެ.
"ލަތީފްގެ ފަރާތުން ލިބޭ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން. މެލޭޝިއާގައި މިހާރު ތަމްރީން ހަދަމުން އަންނަ އެކަޑަމީ އަށް ވެސް ތިން ދުވަހު ވަޑައިގެން ހިތްވަރު ދެއްވި،" ވަހީދާ ބުންޏެވެ.