19 މެއި 2019 - 12:49

ކޮލަމްބޯ (މެއި 19) - ސްރީ ލަންކާގައި މި އަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން މާކުރިން ވެސް ނިންމާފައިވާ ކަމަށް ލަންކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
"ޔަގީނުން ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރާނަން. އެކަމަށް ތައްޔާރުވަމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެ. އެހެން ނޫނީ އަޅުގަނޑުގެ އެމެރިކާ ރަށްވެހިކަން ދޫކޮށްލުމުގެ ބޭނުމެއް ވެސް ނެތް،" ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޯފުޅު ވިދާޅުވި އެވެ.
ލަންކާގައި 37 އަހަރުގެ މުއްދަތަށް ކުރި ދާޚިލީ ހަނގުރާމަ މެއި 2009 ގައި ނިމުމަކަށް ގެނައި އިރު ޑިފެންސް ސެކްރެޓަރީ އަކީ ގޮތަބަޔާ އެވެ. އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކާ ޚިލާފުވުމުގެ އެތައް ތުހުމަތެއް ކޮށްފަ އެވެ.
"އެއީ އެއްވެސް އަސްލެއް ހުރި ވާހަކަތަކެއް ނޫން. ހުރިހާ ކަމެއް ވެސް ބިނާވެފައި ވަނީ ގައުމީ ސަލާމަތަށް. ގައުމީ ސަލާމަތް ނެތް ނަމަ މިނިވަންކަމެއް ނޯންނާނެ،" ގޮތަބަޔާ ވިދާޅުވި އެވެ.