19 މެއި 2019 - 14:07

ހުޅުމާލޭގައި ޔުކްރެއިންގެ އަންހެނަކު ހިނގާފައި ދަނިކޮށް އެމްޓީސީސީގެ ބަހަކު ޖެހި އޭނާ މަރުވި މައްސަލާގައި، އެ ބަސް ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ޓްރާންސްޕޯޓް މިނިސްޓްރީން ހިފަހައްޓައިފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މަހުގެ ހަ ވަނަ ދުވަހު ހިނގި އެކްސިޑެންޓަށްފަހު، ކޯޓް މަރުހަލާ ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަކަށް ފުލުހުން އަދި ނުފޮނުވަ އެވެ.
ހުޅުމާލޭގައި އަލަށް ހަދާފައިވާ ލޯކަލް މާރުކޭޓުގެ ކަންމަތީގައި ހިނގި އެކްސިޑެންޓުގައި މަރުވީ ޖޮގިން އަށް ނިކުމެ އުޅުނު 31 އަހަރުގެ އަންހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ޗިސްވެފައިވާއިރު، ލަންކާ އަށް ގެންގޮސް އޭނާގެ ހަށިގަނޑު ވަނީ އަންދާލައިފަ އެވެ.
ނިދި ޖެހިފައި އިނދެ ބަސް ދުއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ. ނަމަވެސް މިދިޔަ ހަފުތާގައި އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
އެމްޓީސީސީން ވަނީ މަރުވި އަންހެން މީހާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.