އިނގިރޭސި ރެފްރީންނަށް ނުފޫޒު ފޯރުވާތަ؟
އިނގިރޭސި ރެފްރީންނަށް ނުފޫޒު ފޯރުވާތަ؟

އިނގިރޭސި ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ މަގުބޫލު ފުޓްބޯޅަ ލީގެވެ. އެ ލީގު އަހަރަކަށް ވުރެ އަހަރެއް ފޯރިގަދަ ވަމުން އަންނައިރު، ލީގާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރެފްރީންގެ މައްސަލަތައް ކަމަށް ގިނަ މީޑިއާތަކާއި ސަޕޯޓަރުން ފާހަގަކުރެ އެވެ. އަދި ބައެއް އިނގިރޭސި މީޑިއާ ތަކުން އަންނަނީ އިނގިރޭސި އެފްއޭ އިން ރެފްރީންނަށް ޕްރެޝަރު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެ ވާހަކަތަކުގެ އަޑުގަދަވީ މިދިޔަ ހަފުތާގައި ހިނގި ކަމަކާ ގުޅިގެންނެވެ. މިދިޔަ އާދިއްތަ ދުވަހު ވެސްޓް ހޭމްގެ ވިންސްޓަން ރީޑް ގައިގައި މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އުޅަބޮށިން ޖެހި ނަމަވެސް އެ މެޗުގެ ރެފްރީ އަންދްރޭ މެރިނާ އަށް އެ މެންޒަރު ނުފެނެ އެވެ. އެ މައްސަލައިގައި އަގުއޭރޯ އަށް ކާޑެއް ނުދައްކާއިރު، މެޗު ރިޕޯޓުގައި ވެސް އެބައި ނުހިމަނަ އެވެ. އެކަމަކު ޓީވީ ފޫޓޭޖަށް ބަލައިގެން އިނގިރޭސި އެފްއޭ އިން ވަނީ އަގުއޭރޯ ތިން މެޗަށް ސަސްޕެންޑް ކުރުމަށް ނިންމައިފަ އެވެ.

މި ކަމާ ގުޅިގެން، އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއްގައި ރެފްރީކަން ކޮށްފައިވާ ތަޖުރިބާކާރު ރެފްރީ މާކް ހެލްސީ ކުރި ޓްވީޓްގައި ބުނެފައިވަނީ އެ ފަދަ މަންޒަރުތައް ފެނުނު ނަމަވެސް ނުފެންނަ ކަމަށް ހަދަން ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އަންގާ ކަމަށެވެ.

"އަހަރެންނަށް ވެސް އެ ފަދަ ހާލަތްތައް ކުރިމަތިވި. އަހަންނަށް މަންޒަރު ފެނުނު ނަމަވެސް ނުފެންނަ ކަމަށް ހަދަން އަންގާފައި އެބަހުރި. މިއީ އެފްއޭ އިން ކުރާ ކަމެއް ނޫން. މިއީ ޕީޖީއެމްއޯއެލް އިން ކުރުވާ ކަމެއް." 2013 ވަނަ އަހަރު ރިޓަޔަކުރި ހެލްސީ ކުރި ޓްވީޓްގައިވެ އެވެ.

ހެލްސީ ވަނީ އޭނާގެ އޮޓޯބައިގްރަފީގައި ވެސް އިނގިރޭސި ރެފްރީންނަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ. އަދި ބައެއް ބޮޑެތި ކްލަބްތަކާ ދެކޮޅަށް ނިންމުން ނިންމަން ފަސް ޖެހޭ ކަމަށް ވެސް އޭގައިވެ އެވެ.

ހަލްސޭގެ މި ތުހުމަތުތައް ޕީޖީއެމްއޯއެލް އިން ދޮގުކުރެ އެވެ.

"މެޗު އޮފިޝަލުންނަށް އެއްވެސް ޕްރެޝަރެއް ނޯންނާނެ. މެޗު އޮފިޝަލުންނަށް މެޗުގައި ފެންނަ ކަންތައްތައް ރިޕޯޓުގައި ލިޔުމަށް ފަހު ހުށަހަޅަން ޖެހޭނީ އެފްއޭ އަށް. އެ ރިޕޯޓުގައި ހިމަނަން ޖެހޭ ހުރިހާ އެއްޗެއް ހިމެނުމަކީ މެޗު އޮފިޝަލުންގެ ޒިންމާ އެއް. ޕީޖީއެމްއޯއެލް އަށް އެއްވެސް ބާރެއް ނެތް މެޗު އޮފިޝަލުގެ ރިޕޯޓަށް އެއްވެސް އެއްޗެއް އިތުރު ކުރަން ނޫނީ އުނިކުރާކަށް،" ޕީޖީއެމްއޯއެލްގެ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޖީއެމްއޯއެލް އަކީ 2001 ވަނަ އަހަރު އިނގިރޭސި އެފްއޭގެ ބެލުމުގެ ދަށުން އިނގިރޭސި ރެފްރީން އުފެއްދި އެސޯސިއޭޝަނެކެވެ. މި އެސޯސިއޭޝަނުގެ ބޭނުމަކީ އިނގިރޭސިވިލާތުގެ ހުރިހާ ރެފްރީންގެ މަސައްކަތް ބެލުމާއި މުބާރާތްތަކަށް ރެފްރީން ހަމަޖެއްސުމުގައި އެފްއޭ އަށް ލަފާދިނުމެވެ.