19 މެއި 2019 - 12:21

ތެހެރާން (މެއި 19) - މެދުއިރުމަތީގައި ހަނގުރާމައެއް ނުފެށޭނެ ކަމަށާއި އީރާނާ ކުރިމަތިލާން ކެރޭނެ ގައުމެއް ނޯންނާނެ ކަމަށް ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެއްޖެ އެވެ.
ރަސްމީ ނޫސް އެޖެންސީ އިރްނާ އަށް ދެއްވި އިންޓަވިއުއެއްގައި ޒަރީފް ވިދާޅުވީ (އެމެރިކާގެ ރައީސް ޑޮނަލްޑް) ޓްރަމްޕް ވެސް ހަނގުރާމައެއް ބޭނުމެއް ނުވާނެކަމަށެވެ. އެކަމަކު ޓްރަމްޕް ވަށައިގެން ތިބި މީހުން ދަނީ އީރާނަށް ވުރެ އެމެރިކާގެ ބާރުގަދަކަން ދެއްކުމުގެ ގޮތުން ހަނގުރާމައެއް ފަށަން ޓްރަމްޕަށް ޕްރެޝަރު ކުރަމުން ކަމަށް ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ނެތް ކަމަށް އެމެރިކާ އާއި އީރާނުގެ ވެރިން ވިދާޅުވަމުން ގެންދެވި ނަމަވެސް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކާއި ބޮން އަޅާ ބޯޓުތައް ވަނީ ގަލްފަށް ފޮނުވަން ފަށައިފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ އެއީ އީރާނުން ކުރިމަތިކުރާ ބިރުތަކާ ކުރިމަތިލާން ކުރާ ކަމެއް ކަމަށެވެ.
އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވަން ފަށާފައި ވަނީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ މިދިޔަ އަހަރު ވަކިވުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރުގެ އެ އެއްބަސްވުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އެމެރިކާ އިން އަލުން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
އީރާނުން ވެސް މި މަހު ކުރީކޮޅު ވަނީ ނިއުކްލިއާ އެއްބަސްވުމުގެ ބައެއް މާއްދާތައް ސަސްޕެންޑްކޮށް، ޔުރޭނިއަމް ފައްކާކުރަން ފަށާނެ ކަމަށް ބުނެފަ އެވެ.