19 މެއި 2019 - 11:35

ޓިއުރިން (މެއި 19) – ޔުވެންޓަސްގެ އާ ކޯޗަކަށް ނަޕޯލީގެ ކޯޗު ކާލޯ އަންޗެލޮޓީ ގެނައުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުވެންޓަސްގެ ކޯޗުގެ މަގާމް މި ސީޒަނަށް ފަހު ހުސްވަނީ މިހާރުގެ ކޯޗު މެކްސިމިލިއާނޯ އެލެގްރީ ކްލަބް ދޫކޮށްލަން ނިންމުމުންނެވެ. އޭނާ އެގޮތަށް ނިންމީ ކްލަބުގެ ޑިރެކްޓަރުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ބައެއް ކަންކަމާ މެދު އެއްބަސްވުމަކަށް ނާދެވުމުންނެވެ. އެލެގްރީގެ މަގުބޫލުކަން ކުޑަވި އެއް ސަބަބަކީ، ޗެމްޕިއަންސް ލީގު ކާމިޔާބުނުކުރެވުމެވެ. މި ސީޒަނުގައި 100 މިލިއަން ޔޫރޯގެ އަގަކަށް ރޮނާލްޑޯ ގެނައި އެއް ސަބަބަކީ ވެސް އެއީ އެވެ.
ޔުވެންޓަސް 1999-2001 އަށް ކޯޗުކޮށްދިން އަންޗެލޮޓީ ވަނީ ރޮނާލްޑޯ އަށް ރެއާލް މެޑްރިޑުގައި ކޯޗުކޮށްދީ، 2014 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ކުރިން އޭނާ ވަނީ އޭސީ މިލާނަށް ދެ ފަހަރު އެ މުބާރާތް ކާމިޔާބުކޮށްދީފަ އެވެ. ޔޫރަޕުގައި ކާމިޔާބުވުމުގެ އިތުރުން އަންޗެލޮޓީ އަކީ ރޮނާލްޑޯ ވަރަށް ގަޔާވާ ކޯޗެއް ވެސް މެ އެވެ. އެގޮތުން އޭނާ ވަނީ އަލުން އަންޗެލޮޓީއާ އެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
އެކަމަކު މި ސީޒަނުގައި ނަޕޯލީއާ ހަވާލުވި އަންޗެލޮޓީ އެންމެ ސީޒަނަކަށް ފަހު އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތެއް ނެތެވެ. ޔުވެންޓަސް އިން ހޯދަން މަސައްކަތްކުރާ ކޯޗުންނަކީ ލާޒިއޯގެ ސިމޯނީ އިންޒާގީ އާއި ޗެލްސީގެ މައުރީޒިއޯ ސާރީ އާއި ބޮލޯނިއާގެ ސިނިސާ މިހަލޮވިޗް އަދި ރޯމާގެ ކުރީގެ ކޯޗު ޔޫސޭބިއޯ ޑި ފްރެންސެސްކޯ އެވެ. ޓޮޓެންހަމް ހޮޓްސްޕާސްގެ މައުރީޒިއޯ ޕޮޗެޓީނޯ އާއި މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އަށް ވެސް ޝައުގުވެރިވެ އެވެ.