ކޮޅުވެއްޓިއެއްގެ ކައްޕިއެއް ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެ
ކޮޅުވެއްޓިއެއްގެ ކައްޕިއެއް ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެ

ލ. މާވަށު ބޭރުގައި އޮތް ކޮޅުވެއްޓިއެއްގެ ކައްޕިއެއް، އޭގެ ތެރޭގައި މަރުވެފައި އޮއްވާ ރޭ ފެނިއްޖެ އެވެ.

އެ ކޮޅުވެއްޓީގައި މަސައްކަތްކުރާ މާވަށު ފިރިހެނެއް ކަމަށްވާ މުހައްމަދު ރަޝީދު "މިހާރު" އަށް ބުނީ އެ ކޮޅުވެއްޓީގެ ކައްޕި އަކީ ބ. އޭދަފުށީ މުހައްމަދު ނަސީމް، 59، އެވެ. އަދި އޭނާ ފެނުނީ ރޭ ދަންވަރު ތިނެއް ޖަހާކަން ހާއިރު ކަމަށް އޭނާ ބުންޏެވެ.

މުހައްމަދު ރަޝީދު ބުނި ގޮތުގައި ރޭ ދަންވަރު 3:00 ގައި އެ ކޮޅުވެއްޓި ފުރަން ކަނޑައަޅާފައި އޮތް ކަމަށެވެ. އަދި ނަސީމް މަރުވެފައި އޮއްވާ ފެނުނީ ފުރަން ވެގެން އޭނާ ހޯދަން އުޅުމުގެ ތެރޭގައި އެނދުމަތީގައި އޮއްވާ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ހަށިގަނޑު ޑޮކްޓަރަށް ގެންދިއުމުން މިއީ ގުދްރަތީ މަރެއް ކަމަށް ވިދާޅުވި ކަމަށް މުހައްމަދު ރަޝީދު ބުންޏެވެ.

މިއީ ގުދްރަތީ މަރެއް ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ ބަލަމުންނެވެ. ނަމަވެސް މި މައްސަލައިގައި ޝައްކުކުރެވޭ އެއްވެސް ކަމެއް އަދި ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.