އާމިރު ހާންގެ "ތާރޭ ޒަމީން ޕަރު" ޗައިނާ ބަހުން ހަދަން ނިންމައިފި
އާމިރު ހާންގެ "ތާރޭ ޒަމީން ޕަރު" ޗައިނާ ބަހުން ހަދަން ނިންމައިފި

އާމިރުގެ ހާންގެ އަލަތު ޑައިރެކްޝަން އަދި ބެލުންތެރިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބުނު ފިލްމު "ތާޒޭ ޒަމީން ޕަރު" ޗައިނާ ބަހުން ހަދަން ނިންމައިފި އެވެ.

ޑައިރެކްޓް ކުރުމުގެ އިތުރުން އާމިރު ޓީޗަރެއްގެ ރޯލް ވެސް ކުޅުނު 2007 ގެ "ތާރޭ ޒަމީން ޕަރު" އަކީ ކިޔުމުގައި އުނދަގޫ ކަމެއް ހުންނަ (ޑިޒްލެކްސިކް) ހުންނަ 8 އަހަރުގެ ފިރިހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ވަރަށް އަސަރުގަދަ ފިލްމެކެވެ.

އަމޯލް ގުޕްތޭގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމުގެ އެންމެ މުހިއްމު ރޯލެއް ކުޅުނީ، މޮޅު އެކްޓިންއެއް ދެއްކި އެކްޓަރު ދަރުޝީލް ސަފަރީ އެވެ. އޭނާގެ މަންމަގެ ރޯލް ފިލްމުގައި ކުޅުނީ ޓިސްކާ ޗޯޕްޅާ އެވެ.

"ތާރޭ ޒަމީން ޕަރު" ޗައިނާ ބަހުން ހަދަން ނިންމާފައި އިރު، މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ "ލެޓް ދަ ބުލެޓްސް ފްލައި" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މާ ޑުއޯ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމު ޗައިނާ ބަހުން ހެދުމަށް މިހާރު އަންނަނީ ސްކްރީންޕްލޭގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ.

އާމިރުގެ ފިލްމެއް ޗައިނާ ބަހުން ހަދަން ނިންމި އިރު، ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ޗައިނާގައި އެންމެ މަގުބޫލު އެކްޓަރަކީ ވެސް އޭނަ އެވެ. އެގޮތުން އާމިރުގެ "ޕީކޭ" އާއި "ޑަންގަލް" އަދި "ސީކްރެޓް ސްޕަސްޓާ" ފަދަ ފިލްމުތަކަކީ އެ ގައުމުގައި އެންމެ ހިނގި ހިންދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ.