19 މެއި 2019 - 10:24

ރިއޯ ޑި ޖަނޭރޯ، ބްރެޒިލް (މެއި 19) - އޭނާ އަށް މިހާތަނަށް ފެނިފައިހުރި މަންޒަރުތަކަށް ބަލާއިރު އަންނަ މަހު ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބްރެޒިލް ޓީމަށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވުމުން އެކަމާ ހައިރާންނުވާނެ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.
އަންނަ މަހު 14 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ދެކުނު އެމެރިކާގެ ގައުމުތަކަށް ހާއްސަ މުބާރާތަށް ނެގި ބްރެޒިލް ޓީމުން ޖާގަނުލިބުނު ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ހެޓްރިކެއް ހެދި ޓޮޓެންހަމްގެ ލޫކަސް މޯރާ އާއި ރެއާލް މެޑްރިޑަށް ކުޅޭ ވިނީޝިއަސް ޖޫނިއާ އަދި ލިވަޕޫލްގެ މިޑްފީލްޑަރު ފަބީނިއޯ ހިމެނެ އެވެ.
ޓީމު އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީޓޭ ބުނީ މި ޓީމު ނެގީ އޭނާ ކަމަށާއި ފާޑުކިއުންތަކަށް މަރުހަބާކިޔާ ކަމަށެވެ.
"އަހަންނަކީ ކޯޗު. އަހަރެން މި ކުޅުންތެރިން ނެގީ އަހަރެން ބޭނުންވާ ސިސްޓަމަށް ކަމުދާނެތީ. ފާޑުކިއުންތަކެއް އަމާޒުވާނެތީ އަހަރެން ކަންބޮޑެއްނުވޭ. އެއީ ބްރެޒިލް ޓީމެއް ނަގައިފިއްޔާ ޒަމާނުއްސުރެއް ހިނގާކަމެއް އެއީ ޓީމަށް ފާޑުކިޔާނެ. މިއީ އާ ކަމެއް ނޫން،" ޓީޓޭ ބުންޏެވެ.
މިދިޔަ މެއި މަހު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އުމުރުން 34 އަހަރުގެ ޕީއެސްޖީގެ ޑިފެންޑަރު ތިއާގޯ ސިލްވާ ޓީމުގައި ހިމެނީ މެޑިކަލް ޓީމުން އޭނާ މުބާރާތަށް ފިޓްވާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ. ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފެނާންޑީިއޯ ވެސް އަންނަ ހަފްތާގައި އެއްކޮށް ފިޓްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފަހަކަށް އައިސް އަހުލާގީ މައްސަލަތަކެއްގެ ސަބަބުން ބްރެޒިލްގެ ތަރި ނޭމާ އަށް ވަނީ ދެ ސަސްޕެންޝަނެއް އައިސްފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ރެފްރީ އަކަށް ފާޑުކިއުމުންނާއި ފްރެންޗް ކަޕް ފައިނަލަށް ފަހު ސަޕޯޓަރެއްގެ ގައިގައި ޖެހުމުންނެވެ. ޓީޓޭ ބުނީ ނޭމާގެ އަހުލާގީ މައްސަލަތަކަށް ހައްލެއް ހޯދަން ކޮޕަ އެމެރިކާގެ ކުރިން އޭނާއާ ވާހަކަ ދައްކާނެ ކަމަށެވެ.
"އޭނަ (ނޭމާ) ވަރަށް ގިނަ ގޯސްތަކެއް ހަދައިފި. އަހަރެން އޭނާއާ ވާހަކަ ދައްކާނަން. އެއީ އޭނާ ފަދަ ކުޅުންތެރިއެއްގެ ފަރާތުން ފެނިގެންވާނެ ކަންތައްތަކެއް ނޫން،" ޓީޓޭ ބުންޏެވެ.
މުބާރާތެއްގައި ފުރަތަމަ ފަހަރަށް ބްރެޒިލް ޓީމުން ފުރުސަތު ދިން ކުޅުންތެރިންނަށް ބަލާއިރު މި ފަހަރު އަޔަކްސްގައި މޮޅު ކުޅުމެއް ދެއްކި ޑޭވިޑް ނެރެސް އާއި ބާސެލޯނާގެ މިޑްފީލްޑަރު އާތޫރް މެލޯ އާއި އޭސީ މިލާނުގެ ލޫކަސް ޕަކޭޓާ އާއި ގްރެމިއޯގެ އެވަޓަން އަދި އެވަޓަންގެ ރިޗާލިސަން ހިމެނެ އެވެ.
ކޮޕަ އެމެރިކާގެ ތަށި އަށް ފަހު އުފުލާލާފައިވާ ބްރެޒިލްގައި މި ފަހަރު ބާއްވާ މި މުބާރާތުގައި އެ ޓީމު ލައްވާލީ ބޮލީވިއާ، ވެނެޒުއާލާ އަދި ޕެރޫއާ އެއް ގްރޫޕަކަށެވެ. ބްރެޒިލް އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ 2007 ވަނަ އަހަރު އެވެ. މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ބްރެޒިލުން އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެ އެވެ. އެއީ ގަތަރާއި ހޮންޑިއުރަސްއާ ދެކޮޅަށެވެ.