19 މެއި 2019 - 10:20

ސައުތު އެފްރިކާގެ ޖޮހަންސްބާގްގައި ހޮނިހިރު ދުވަހު އޮތް ޖިމްނާސްޓިކް އިވެންޓެއްގެ ތެރޭގައި ފޯނުން ވީޑިއޯ ކުރަން ހުއްޓައި، ހޮލީވުޑްގެ ވަރުގަދަ އެކްޝަން ތަރި އާނޯލްޑް ޝްވެޒްނެގާ އަށް މީހަކު ހަމަލާ ދީފި އެވެ.
ޓްވިޓާގައި ވެސް އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ހަށިގަނޑުން ވަރުގަދަ އެކްޓަރުގެ ފަހަތުން މީހަކު ކުއްލިއަކަށް ފުންމައިގެން ގޮސް ބުރަކަށީގައި ފައިން ޖެހުމުން އޭނާ ވިއްސައިގެން ދާ ތަނެވެ.
ހަމަލާ ދިން މީހާގެ ނަމެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ. ހަމަލާ ދިނުމާ އެކު، އާނޯލްޑްގެ ސެކިއުރިޓީން ކަމަށް ބެލެވޭ މީހުން ވަނީ ވަގުތުން ހައެ މީހާ ހިފަހައްޓައިފަ އެވެ. އަދި ތިމަންނަ ބޭނުން ވަނީ ލަމްބޯގިނީއޭ ބުނެ އޭނާ ހަޅޭއްލަވާ އަޑު ވެސް ވީޑިއޯ އިން އިވެ އެވެ.
އުމުރުން 71 އަހަރުގެ އަނޯލްޑަށް ހަމަލާ ދީފައި މި ވަނީ ސޭންޑްޓަން ކޮންވެންޝަން ސެންޓަރުގައި އޮތް އާނޯލްޑް ކްލަސިކް އެފްރިކާ އިވެންޓްގަ އެވެ.
މިކަމާ ގުޅިގެން އާނޯލްޑް ސްޕޯޓްސް ފެސްޓިވަލުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަށް މީހަކު ހަމަލާ ދިނީ ދުރާލައިގެން ރާވައިގެން ކަމަށް ބެލެވޭ ކަމަށާއި ހަމަލާ ދިން މީހާގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ތަހުގީގުކުރާނެ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން އާނޯލްޑް ބުނީ އެއީ މާ ބޮޑު ކަމެއް ނޫން ކަމަށާއި މީހަކު އޭނާ އަށް ހަމަލާ ދިންކަން އިހުސާސް ކުރެވުނީ ވެސް ވީޑިއޯ ފެނުމުން ކަމަށެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅުކުރި އެންމެންނަށް ޝުކުރު އަދާ ކުރަމުން އޭނާ ބުނީ މިފަދަ ހާދިސާތަކުން ވެސް އެނގެނީ އިވެންޓްތަކުގައި އެތުލީޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ސަމާލުކަން ދޭން ޖެހޭ މިންވަރު ކަމަށެވެ.
ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކުރި އާނޯލްޑް ބުނީ އޭނާ އަށް ހަމަލާ ދިން ވީޑިއޯ ޝެއާ ކުރާ ނަމަ ހަމަލާ ދިން މީހާ ކިޔާ އެއްޗެއް ސާފު ނުވާ ގޮތަށް ވީޑިއޯ ޝެއާ ކުރުމަކީ އެދޭ ކަމެއް ކަމަށެވެ. އޭރުން އެ މީހާ ހޯދަން އުޅުނު ސަމާލުކަން ނުލިބޭނެ ކަމަށް ބުންޏެވެ.