19 މެއި 2019 - 01:58

ލަންޑަން (މެއި 19) – ވަޓްފޯޑް އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށް އެއް ސީޒަނެއްގައި އިނގިރޭސި ތިން ތަށި ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ޝަރަފް މެންޗެސްޓާ ސިޓީން ހޯދައިފި އެވެ.
ވާދަވެރި ރޭހެއްގައި ފަހު ދުވަހު ލިވަޕޫލް ފަހަތަށް ޖައްސާލައި ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، ލީގު ކަޕް އުފުލާލީ ޗެލްސީ ބަލިކޮށްގެންނެވެ. މި ސީޒަނުގައި ކެޓީ ޗެމްޕިއަންސް ލީގުންނެވެ. ތާރީހީ، ހަތަރު ތަށި ހޯދަން ގާޑިއޯލާ ކުރި އުއްމީދު ފެނަށް ދުއްވާލީ މުބާރާތުގެ ކުއާޓާ ފައިނަލުން ޓޮޓެންހަމް ހޮޓްސްޕާސް އެވެ.
ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން އެއީ މި ސީޒަނުގެ އެންމެ ބޮޑު އެއް ޓާގެޓަށްވީ ނަމަވެސް، އެއް ސީޒަނެއްގައި އިނގިރޭސި ތިން ތަށި ހޯދުމަކީ އެއަށް ވުރެ އުނދަގޫ ކަމެއްގެ ގޮތުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ސިފަކުރި އެވެ.
"ޗެމްޕިއަންސް ލީގު ބޭނުންވޭ. އެކަމަކު ތިން ތަށި ހޯދުން މާ އުނދަގޫ ޗެމްޕިއަންސް ލީގު ހޯދުމަށް ވުރެ،" ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފައިވާ ގާޑިއޯލާ ބުންޏެވެ. "މީގެ މާނައަކީ ސީޒަނުގެ 10 މަސް ދުވަހު، ކޮންމެ ތިން ދުވަހަކުން އެއް ދުވަހު އަހަރެމެން އެއް ފެންވަރެއްގައި ހިފެހެއްޓީޔޭ."
ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދާ ހިލާފުވެފައިވާތީ ސިޓީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ސަސްޕެންޑްކުރުމުގެ ބިރު ބޮޑުވެފައިވާއިރު، އެހެންވެއްޖެ ނަމަ ގާޑިއޯލާ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.
"ސާބިތުނުވާހާ ހިނދަކު އަހަރެމެންނަކީ ކުށްވެރިންނެއް ނޫން. އަދަބު ދީފިއްޔާ ގަބޫލުކުރާނަން. އެކަމަކު އަހަރެން (މިވަގުތު) އަހަނީ ޗެއާމަން އާއި ސީއީއޯ ދައްކާ ވާހަކަތައް. ސިޓީގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ސަބަބު އެ ފަރާތްތަކުން އަހަންނަށް ކިޔައިދޭ އަދި އަހަރެން އެ އެންމެންނަށް އިތުބާރުކުރަން،" ގާޑިއޯލާ ބުންޏެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ސިޓީ އަށް ކުރި ހޯދައިދިނީ 28 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްދިނީ ގެބްރިއަލް ޖީސުސް އެވެ. ދެ ވަނަ ހާފުގައި ޖީސުސް އިތުރު ގޯލެއް ޖެހިއިރު އަނެއް ތިން ގޯލުގެ ތެރެއިން ދެ ލަނޑު ރަހީމް ސްޓާލިން ކާމިޔާބުކޮށް އަނެއް ގޯލް ޖެހީ ކެވިން ޑި ބްރޭނާ އެވެ.