05 ސެޕްޓެމްބަރ 2016 - 06:33

ދުނިޔެ ހޫނުވުމުގެ މައްސަލަ އަށް ހައްލެއް ނައިސް މިގޮތަށް ކުރިއަށްދާ ނަމަ ކޮފީ ގަސްތައް މަރުވެ ހުސްވެދާނެ ކަމަށް "ދަ ކްލައިމެޓް އިންސްޓްޓިއުޓް" އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފި އެވެ.
ދި އިންޑިޕެންޑެންޓް ނޫހުގައިވާ ބުނެފައިވާ ގޮތުން ދުނިޔެ ހޫނުވަމުންދާ ނިސްބަތުންނާއި ޕެސްޓް އަދި ފަންގީގެ ސަބަބުން 2050 އާ ހަމައަށް ދާއިރު ދުނިޔޭގައިވާ ކޮފީ ދަނޑުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ނެތިގެންދާނެ ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.
އަދި 2080 އާ ހަމައަށް ދާއިރު ވައިލްޑް ކޮފީ ދުނިޔޭގެ ބިމުން މުޅިން ނެތިގެން ދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ދުނިޔެއިން ކޮފީ ގަސްތައް ނެތިގެން ދިއުމުގެ އަސަރު ދުނިޔޭގައި ދިރިއުޅޭ 120 މިލިއަން މީހުންނަށް ކުރާނެ އެވެ. ސަބަބަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ މީހުންނަށް ވެސް އަދި އާއްމުކޮށް ކޮފީ ބޯ އެންމެންނަށް ކޮފީ އަކީ އެމީހުންގެ ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ އެއްޗެތީގެ ތެރޭގައި ހިމެނޭ އެއްޗަކަށް ވާތީ އެވެ.
ކޮފީ އުފައްދާ 70 ވަރަކަށް ގައުމުގެ އިގްތިސާދުގައި ކޮފީގެ ވިޔަފާރި ވަރަށް މުހިއްމު ދައުރެއް ކުޅެ އެވެ. ބުރުންޑީގެ އިގްތިސާދުގެ 59 ޕަސެންޓް ހިއްސާ ކުރަނީ ކޮފީ އިންޑަސްޓްރީ އެވެ. އެގައުމުން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ކޮފީ އެވެ. އިތިއޮޕިއާގެ އެކްސްޕޯޓްގެ 33 ޕަސެންޓަކީ ކޮފީ ބީން އެވެ. އަދި ނިކަރާގުއާގެ އެކްސްޕޯޓްގެ 17 ޕަސެންޓް ވެސް ހިއްސާ ކުރަނީ ކޮފީ އެވެ.
ކޮފީ އުފައްދާ ދަނޑުވެރިންގެ ތެރެއިން ގިނަ މީހުންނަކީ މާ ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރާ މީހުންނެއް ނޫނެވެ. މާނައަކީ މާކެޓަށް އަންނަ ބޮޑެތި ބަދަލުތަކުން މި މީހުންނަށް ވަރަށް ފަސޭހައިން ގެއްލުން ވާނެ އެވެ.
ކޮފީގެ ވަހާއި ރަހައަށް ވެސް ސީރިއަސް އަސަރުތަކެއް ކުރާތަން ކުރިއަށް އޮތް ތަނުގައި ފެނިދާނެ އެވެ. އަދި ކޮފީ މަދުވާ ވަރަކަށް ކޮފީގެ އަގު ބޮޑުވާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
ކޮފީ އުފައްދާ ގައުމުތަކުގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ކޮފީ އުފެއްދުމުގައި ދަތިތައް ކުރިމަތި އުފެއްދޭ ކޮފީގެ މިންވަރު ދަށްވާނެ އެވެ. އަދި ޖައްވުގެ ހޫނުކަން އިތުރުވަމުންދާ ވަރަކަށް ކޮފީގެ ވަހާއި ރަހަ މަޑުވެގެން ދާނެ އެވެ.
"އިންސްޓަންޓް ކޮފީ ބޭނުންކުރާ ބޮޑު އާބާދީއަށް ވެސް ވަރަށް ވަރުގަދައަށް މީގެ ނުރަނގަޅު އަސަރުތައް ފޯރާނެ،" މި ރިޕޯޓުގައިވެ އެވެ.
ކޮފީ ގަސްތަކަށް ގެއްލުން ލިބެނީ ހަމައެކަނި ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމަކުން ނޫނެވެ. ހޫނުގެ ސަބަބުން ފަންގަސް އުފެދޭލެއް އިތުރުވެ އޭގެ ސަބަބުން ވެސް ކޮފީ ގަސްތައް ހަލާކުވާނެކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ. ކޮލަމްބިއާގެ ފަރުބަދަމަތީ ހިސާބުތަކުގައި ވެސް މިހާރު ވަނީ ފަންގަސް އަޅައިފި އެވެ. އެއީ ކުރިން ފިނިކަމުން އެއްގޮތަކަށްވެސް ފަންގަސް އަށް އާލާ ނުވެވޭ ހިސާބުތަކެވެ.
ސެންޓްރަލް އެމެރިކާގެ ގައުމުތަކުގައި 2012 ވަނަ އަހަރު އާދަޔާޚިލާފަށް ހޫނު ދުވަސްތަކެއް ކުރިމަތިވެ އެފަހަރުވެސް ކޮފީ ގަސްތަކަށް ދަބަރުބަލި ކަހަލަ ބައްޔެއް ޖެހި ކޮފީ މަދުވި އެވެ.