"ޝޯލޭ" ގެ ސާމްބާގެ ދަރިން ވެސް ބޮލީވުޑަށް
"ޝޯލޭ" ގެ ސާމްބާގެ ދަރިން ވެސް ބޮލީވުޑަށް

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފިލްމު ކަމަށްވާ "ޝޯލޭ" އިން މަގުބޫލުވި ކެރެކްޓާއެއް ކަމަށްވާ ސާމްބާގެ ރޯލް ކުޅުނު މެކް މޯހަންގެ ދެ އަންހެން ދަރިން ވެސް ބޮލީވުޑަށް ނުކުންނަން ތައްޔާރުވެއްޖެ އެވެެ.

ބޮލީވުޑްގެ ހަންގާމާ އިން ބުނީ މޯހަންގެ ދެ އަންހެން ދަރިން ކަމަށްވާ މަންޖަރީ އާއި ވިނާތީގެ އަލަތު ފިލްމަކީ ސްކޭޓްބޯޑިން އަށް ބިނާކޮށް ހަދާ "ޑެޒާޓް ޑޯލްފިން" ކަމަށެވެ.

މީގައި ކިޔައި ދެނީ ޕްރޭރްނާ ކިޔާ 16 އަހަރުގެ އަންހެން ކުއްޖަކު (ވިނާތީ) ލޮސް އެންޖެލިސްގެ ޖެސިކާ (މަންޖާރީ) ކިޔާ، 32، އަހަރުގެ އަންހެނަކާ ދިމާވެގެން ސްކޭޓްބޯޑްގެ ތަރިންނަށް ވާން ކުރާ މަސައްކަތެވެ.

"ޑެޒާޒް ޑޯލްފިން" އާ ބެހޭ ގޮތުން މަންޖާރީ ބުނީ މި ފިލްމަކީ 2016 އިން ފެށިގެން އޭނާ ރިސާޗްކޮށް، މަސައްކަތް ފަށަން ތައްޔާރުވަމުން ދިޔަ ފިލްމެއް ކަމަށެވެ. އެގޮތުން މިހާރު ފިލްމުގެ ޝޫޓިންގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މަންޒަރުތައް ނަގަން ވަނީ ސްކޭޓިން އަށް ހާއްސަ ބިޔަ ސެޓްތަކެއް ވެސް ތައްޔާރުކޮށްފަ އެވެ.

އަދި ފިލްމުގެ އެކި ރޯލްތަކަށް ޒުވާން ކުދިންތަކެއް ނެގުމަށް މުމްބާއީ އާއި ރާޖަސްތާން، ނިއު ދިއްލީ އަދި މަދިޔަ ޕްރަދޭޝްގައި ވަނީ 300 ކުދިންނާ އެކު ވޯކްޝޮޕްތަކެއް ވެސް ބާއްވައިފަ އެވެ.

ލޮސް އެންޖެލިސްގައި ދިރިއުޅެމުން އަންނަ މަންޖާރީ ވަނީ ހޮލީވުޑްގެ ބައެއް ޕްރޮޖެކްޓްތަކެއްގައި ވެސް އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ކްރިސްޓޯފާ ނޯލަންގެ "ދަ ޑާކް ނައިޓް" އާއި "ޑަންކާކް"، ޕެޓީ ޖެންކިންސްގެ "ވޮންޑަ ވުމަން"، ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް" ހިމެނެ އެވެ.

މީގެ އިތުރުން އޭނާ ވަނީ ބޮލީވުޑްގެ ޑައިރެކްޓަރު ވިޝާލް ބަރަދުވާޖްއާ އެކު "ސާތު ހޫ މާފް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

މަންޖާރީ އާއި ވިނާތީގެ ބައްޕަ 2010 ގައި މަރުވި އިރު އޭނާ 80 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ނުބައިބައޮ ރޯލްތައް ކުޅުނު ފިލްމުތަކެވެ. ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ޑޮން"، "ކަރްޒް"، "ސައްތޭ ޕޭ ސައްތާ" އަދި "ޒަންޖީރު" ހިމެނެ އެވެ.

މަންޖާރީ އާއި ވިނާތީގެ އިތުރުން މޯހަންގެ ވިކްރާންތު ކިޔާ ފިރިހެން ދަރިއަކު ވެސް ހުރެ އެވެ.