ސްކޮޑް ވަރުގަދަ، ދެން އޮތީ ދަނޑުމަތީގައި ފެންވަރު ދެއްކުން: ސެކުލޮސްކީ
ސްކޮޑް ވަރުގަދަ، ދެން އޮތީ ދަނޑުމަތީގައި ފެންވަރު ދެއްކުން: ސެކުލޮސްކީ

މާޒިޔާގައި އޮތް ސްކޮޑާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އެކަމަކު ފުޓްބޯޅައިގައި އޭނާގެ ތަޖުރިބާ އަށް ބަލާއިރު އެންމެ މުހިއްމުކަމަކީ އެ ޓީމެއްގެ ފެންވަރު ދަނޑުމަތީގައި ސާބިތުކޮށްދިނުން ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

ސްކޮޑް ވަރުގަދަ، ދެން އޮތީ ދަނޑުމަތީގައި ފެންވަރު ދެއްކުން: ސެކުލޮސްކީ
ސްކޮޑް ވަރުގަދަ، ދެން އޮތީ ދަނޑުމަތީގައި ފެންވަރު ދެއްކުން: ސެކުލޮސްކީ

ސެކުލޮސްކީ ފުރަތަމަ މާޒިޔާއާ ހަވާލުވީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު އަމިއްލަ ސަބަބަކާ ހުރެ، އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް މާޒިޔާ އިން ސެކުލޮސްކީއާ ވަކިވިއިރު، އޭނާ ވަނީ އެ ސީޒަނުގައި އެފްއޭ ޗެރިޓީ ޝީލްޑާއި އެސްޓީއޯ މާލޭ ލީގު ކާމިޔާބު ކޮށްފަ އެވެ. އަލުން މާޒިޔާ އަށް އައިސް އޭނާ އަމާޒު ހިފާފައިވަނީ ހުރިހާ ކާމިޔާބެއް އެ ޓީމާ އެކު ހާސިލްކުރުމަށެވެ.

ގިނަ ޓީމުތަކުގެ ނަޒަރުގައި މި ސީޒަނުގައި އެންމެ ވަރުގަދަވާނީ މާޒިޔާ ކަމަށް ބެލެވުނު ނަމަވެސް އެއީ ސެކުލޮސްކީ ވިސްނަން ބޭނުންވާ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ފުޓްބޯޅަ ކޯޗިންގައި އަހަރެންގެ ތަޖުރިބާ ވަރަށް ބޮޑު. އެއީ 18 އަހަރު. އޭގެން އަހަންނަށް ދަސްވި ކަމަކީ ކަރުދާހުގައި ހަމައެކަނި ފޭވަރިޓަށް ވެގެން މިކަން ވާން ނެތްކަން. ހުރިހާ ކަމެއް ސާބިތުކޮށްދޭންޖެހޭނީ ދަނޑުމަތީގައި. އެހެންވެ އެހެން ޓީމުތަކުން ދައްކާ ވާހަކަތައް އަހަންނަށް މުހިއްމެއް ނުވާނެ. އަހަންނަށް މުހިއްމީ މި ޓީމު އެންމެ ރަނގަޅު ނަތީޖާ ނެރުން،" މާޒިޔާގެ ތާރީހުގައި އެ ޓީމަށް އެންމެ ފުރަތަމަ ވެސް ގެނައި ބިދޭސީ ކޯޗު ސެކުލޮސްކީ "މިހާރަ"ށް ބުންޏެވެ.

ކުރިއަށް އޮތް ސީޒަަނަށް ތައްޔާރުވުމަށް މާޒިޔާ އިން އދ. މަހިބަދޫގައި ފުރިހަމަކުރި ޓްރެއިނިން ކޭމްޕް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ޓީމުގެ ހާލަތު ވަރަށް ރަނގަޅަށް ދެނެގަނެވި ކުޅުންތެރިންގެ ގުޅުން ވެސް ރަނގަޅުވެފައިވާ ކަމަށް ސެކުލޮސްކީ ބުންޏެވެ.

"ޓްރެއިނިން ކޭމްޕް ވަރަށް ފުރިހަަމަކޮށް ދިޔައީ. އަހަރެމެން ބޭނުން ވަގުތުތަކުގައި ދަނޑު ލިބި. ފުލް ޕިޗެއްގައި ޓްރެއިން ކުރެވުނު. އަނެއްކޮޅުން ޕްރީ ސީޒަނެއްގައި ފިޓްނަސް އާއި ކޮމްބިނޭޝަނަށް މަސައްކަތްކުރަންޖެހޭއިރު އެކަން ވެސް ދިޔައީ ރަނގަޅަށް،" ކުރިން މިޔަންމާ ލީގުގައި ނަތީޖާ ނެރެފައިވާ ސެކުލޮސްކީ ބުންޏެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ އިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. އެ ޓީމުން ވަނީ ފެންވަރު ރަނގަޅު ކުޅުންތެރިންގެ ސޮއި ހޯދައި ޓީމު ވަރުގަދަ ކޮށްފަ އެވެ. މާޒިޔާއާ ގުޅުނު ކުޅުންތެރިންނަށް ބަލާއިރު ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެ އެވެ. މީގެ އިތުރުން ބިދޭސީ ދެ ކުޅުންތެރިން އެ ޓީމާ ގުޅޭނެ ކަމަށް އެ ކްލަބުން މައުލޫމާތު ދެ އެވެ.

ސެކުލޮސްކީ ބުނީ އެ ޓީމު އޮތީ ވަރަށް ރަނގަޅަށް އެކުލަވާލާފައި ކަމަށާއި އެކަމަށް މެނޭޖްމަންޓަށް ޝުކުރުއަދާކުރާކަމަށެވެ. ދިގު ސީޒަނަކާ ކުރިމަތިލާއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ބްރޭކަކަށް ފަހު ކުޅުންތެރިން އަލުން ކުޅެން ފަށާއިރު ހުންނަ އުނދަގޫތައް ކަމަށެވެ.

"މި ދިގު ބްރޭކްގެ ހުރި އުނދަގޫތަކުން އަރައިގަންނަން ރަނގަޅު ޕްރީ ސީޒަނެއް މުހިއްމު. އެހެންވެ އަހަރެމެން މި އަންނަނީ ހުރިހާ ގޮތަކުން މަސައްކަތްކުރަމުން. ސީޒަން ފަށާއިރު ވެސް އަހަރެމެން އޮންނާނީ ވަރަށް ރަނގަޅަށް،" ސެކުލޮސްކީ ބުންޏެވެ.

މިދިޔަ އަހަރު މާޒިޔާ އަށް އިރުޝާދުދިން އިސްމާއިލް މަހަފޫޒް (އިންމަ) އަށް އެ ޓީމު އަލުން ކާމިޔާބީއާ ހަމައަށް ވާސިލްކޮށް ނުދެވުނެވެ. މާޒިޔާ އިން އަލުން ސެކުލޮސްކީ ގެނައި އެންމެ ބޮޑު ސަބަބަކީ މީގެ ކުރިން ވެސް އޭނާ ޓީމުގައި ދެއްކި ތަފާތެވެ. ސެކުލޮސްކީ ބުނީ މާޒިޔާގެ އަމާޒަށް ވާސިލްވުމަށް އޭނާ ހުރިހާ ގޮތަކުން މަސައްކަތްކުރާނެ ކަމަށެވެ.

ޗެރިޓީ ޝީލްޑް މެޗުން މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހު ހަތް ވަނަ ދުވަހު އެވެ. ލީގުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. ސީޒަން ފެށުމުގެ ކުރިން ރާއްޖޭން ބޭރުން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބަށް ޓްރެއިނިން ކޭމްޕެއް ހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެ އެވެ.