18 މެއި 2019 - 12:51

ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭ ދުނިޔޭގައި އެންމެ ވަރުގަދަ 50 ކުންފުނީގެ ތެރޭގައި މި އަހަރު ވެސް އުރީދޫ ހިމެނިއްޖެ އެވެ.
ޓެލެކޮމްސް 300، 2019 ރިޕޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޮޕަރޭޓަރުންނާއި އިންފްރާސްޓްރަކްޗާ ކުންފުނިތައް ވަޒަންކޮށްފައިވެ އެވެ. އެގޮތުން، ކުންފުނީގެ ހަރުދަނާކަމަށާއި އިންވެސްޓްކުރާ ގޮތާއި މާކެޓްކުރާ ގޮތް އަދި ލޯޔަލްޓީ އަދި މުވައްޒަފުންގެ ހިތްހަމަޖެހުން ފަދަ ކަންތައްތަކަށް އެ ރިޕޯޓުގައި ބަލަ އެވެ.
އުރީދޫން ވަނީ މިދިޔަ އަހަރު ވެސް މި ލިސްޓުން ޖާގަ ހޯދައިފަ އެވެ. އެކަމަކު އޭރު އޮތް 43 ވަނައިން 41 ވަނައަށް އެ ކުންފުނި މި އަހަރު ވަނީ ކުރިއަށް ޖެހިލައިފަ އެވެ.
ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ، ގަތަރުގެ މި ކުންފުނީގެ "ބްރޭންޑް ވެލިއު" އަކީ މިހާރު 3.7 ބިލިޔަން ޑޮލަރެވެ.
އެކި ކުންފުނިތަކުގެ އަގާއި ސްޓްރެޓަޖީ ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ބްރޭންޑް ފައިނޭންސްގެ ރިޕޯޓުން ދައްކާ ގޮތުގައި 2013 ވަނަ އަހަރު އުރީދޫ ބައިނަލްއަގްވާމީ މާކެޓަށް ނިކުތް ފަހުން، ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ބްރޭންޑް ވެލިއު އަންނަނީ މަތިވަމުންނެވެ.
މެދު އިރުމައްޗާއި އޭޝިއާ އަދި އެފްރިކާގެ ބައެއް ގައުމުތަކުގައި މުއާސަލާތީ ހިދުމަތް ދޭ އުރީދޫގެ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، 5ޖީ ފޯރުކޮށްދިނުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.