ފުޓްބޯޅަ ވިޔަފާރިއަކަށް ނުހަދާނަން: ޔުއެފާ ރައީސް
ފުޓްބޯޅަ ވިޔަފާރިއަކަށް ނުހަދާނަން: ޔުއެފާ ރައީސް

ބުޑަޕެސްޓް، ހަންގޭރީ (މެއި 18) - ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން ކްލަބް ފުޓްބޯޅަ މުބާރާތްތަކަށް ގެންނަން ހުށަހަޅާ ބަދަލުތައް ގެންނަން ނުނިންމާ ކަމަށާއި ޔުއެފާގެ ވިސްނުމަކީ ފުޓްބޯޅަ އަކީ ވިޔަފާރިއަކަށް ހެދުމެއް ނޫން ކަމަށް އެ އިދާރާގެ ރައީސް ސްލޮވީނިއާގެ އަލެކްސެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.

ޔޫރަޕުގެ 232 ކްލަބް ތަމްސީލްކުރާ އީސީއޭ އިން ދާދި ފަހުން މީޑިއާ އަށް އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ސުޕަ ޗެމްޕިއަންސް ލީގުގެ ނަމުގައި އާ މުބާރާތެއް ތައާރަފްކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށާއި އެކަން ކުރާނީ ޔުއެފާގެ ވެސް އެހީތެރިކަމާ އެކު ކަަމަށެވެ. އެކަމާ މެދު އޭރު ވެސް ގިނަ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތަކެއް ހުރިއިރު، އިއްޔެ ވަނީ ޔޫރަޕްގެ ގަދަބާރުތަކުގެ އެސޯސިއޭޝަންތަކާއި ޔުއެފާގެ ވެރިންގެ މެދުގައި ނުރަސްމީ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ޔުއެފާގެ ރައީސް ކެފެރިން ވިދާޅުވީ އެ އިދާރާގެ ވިސްނުމަކީ ހަމައެކަނި ޔޫރަޕްގެ ފުޓްބޯޅަ އަށް ގިނަ ބަޔަކު ރުހޭ ހެޔޮ ބަދަލުތައް އެންމެ ރަނގަޅު އުސޫލުތަކުގެ ތެރެއިން ގެނައުން ކަމަށެވެ.

"އަހަރެމެން ކުރިއަށްދާނީ އެއް މިސްރާބަށް ޔޫރަޕްގެ ފުޓްބޯޅަ ހަމަހަަމަ އުސޫލުން ކުރިއަށް ގެންދަން. މީގެ ބޭނުމަކީ ވިޔަފާރި އުސޫލުން މާކެޓިން ވިސްނުމުގައި ކުރުމެއް ނޫން. ހުރިހާ ގައުމެއްގެ ހައްގު ހިމާޔަތްކޮށް ހަމަހަމަ އުސޫލަށް ލޯބިކުރުން،" ކެފެރިން ވިދާޅުވި އެވެ.

"ވަކި ބަޔަކަށް ނޫނީ ވަކި ޓީމުތަކަކަށް ފައިދާވާ ގޮތެއް ނުހަދާނަން. ބޭނުމީ ހުރިހާ ޓީމަކަށް އެންމެ ފައިދާކުރާނެ ގޮތެއް ހޯދުން."

އީސީއޭ އިން ވިސްނާފައިވާ ގޮތަށް ސުޕަ ޗެމްޕިއަންސް ލީގު ބާއްވައިފިނަމަ ގައުމުތަކުގެ ލީގުތަކަށް ވަރަށް ބޮޑެތި ގޯސް އަސަރުތަކެއް ކުރާނެ އެވެ. ހާއްސަކޮށް އީސީއޭ އިން އެންމެ ބޭނުންވަނީ ޗެމްޕިއަންސް ލީގަށް ގެންނަ ބަދަލުތައް އަންނައިރު، ހަފްތާ ބަންދުގައި ޗެމްޕިއަންސް ލީގުގެ ބައެއް މެޗުތައް ކުޅޭށެވެ.

"އެންމެންގެ ހިޔާލާއި ވިސްނުންތައް އެއް މޭޒުދޮށުގައި ތިބެ މަޝްވަރާކޮށްފައިނޫނީ އެއްވެސް ގޮތެއް ނުނިންމާނަން،" މިދިޔަ ފެބްރުއަރީ މަހު 2023 ވަަނަ އަހަރުގެ ނިޔަލަށް އިތުރު ދައުރަކަށް އިންތިހާބުވި ކެފެރިން ވިދާޅުވި އެވެ.

ސުޕަ ޗެމްޕިއަންސް ލީގެއް ވުޖޫދުކުރުމަށް މިހާތަނަށް ވެސް ވަނީ ގިނަ ޕްރޮޕޯސަލްތަކެއް ތައްޔާރުކުރެވިފަ އެވެ. އޭގެ ތެރެއިން މީޑިއާ އަށް ލިބިފައިވާ އަދި މިހާތަނަށް އެންމެ ގިނަ ކްލަބްތަކުން ރުހުން ދީފައިވާ ޕްރޮޕޯސަލަކީ 15 ޓީމުގެ މެދުގައި ކުޅޭ ލީގެއް ތައާރަފް ކުރުމެވެ. މުބާރާތް ކުރިއަށްދާ ގޮތަށް ބަލާއިރު ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅުމަށް ފަހު ރެލިގޭޓްވާނީ އެންމެ ފުލަށްދާ ތިން ޓީމެވެ. ރެލިގޭޝަން ޕްލޭއޮފް ކުޅޭނީ ޔޫއެފާ އިން ކަނޑައަޅާ ކޯ އެފިޝަން ރޭންކިންގެ އަށް ބަލައިގެން ކޮލިފައިވާ ޓީމުތަކާ ދެކޮޅަށެވެ. މި ގޮތަށް އޮންނައިރު، ޔޫރަޕްގެ އާދައިގެ ގައުމުތަކުގެ ކްލަބްތަކަށް މި ލީގުގައި ކުޅެވުމުގައި އޮންނާނީ ވަރަށް ހަނި ފުރުސަތެކެވެ.

ޔުއެފާ އިން އެކަމުގައި ގެންގުޅުނު ވިސްނުމަށް ބަލާއިރު، ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމުތައް ހަތަރު ގްރޫޕަށް ބަދަލުކުރުމުގެ ޕްރޮޕޯސަލެއް އޮތެވެ، އެއީ ހަތަރު ޓީމުގެ ގްރޫޕްތަކުގެ ބަދަލުގައި އަށް ޓީމު ހިމެނޭ ހަތަރު ގްރޫޕަށް ބަދަލުކުރުމަށެވެ. އެކަމަކު އެ ހިޔާލަށް ވެސް އަދި ފުރިހަމަ އަށް ގިނަ ޓީމުތަކުގެ ރުހުން ނުލިބެ އެވެ.

"އަދިވެސް މަޝްވަރާތައް ދަނީ ކުރިއަށް. އެއްވެސް ގޮތެއް ނުނިމޭ. ޔޫރަޕްގެ ފުޓްބޯޅަ އަށް ގެއްލުން ލިބޭ އެއްވެސް ގޮތެއް ނުހަދާނަން،" ކެފެރިން ވިދާޅުވި އެވެ.

މިހާތަނަށް ޔުއެފާ އާއި އީސީއޭ އިން ގެނައި ޕްރޮޕޯސަލްތަކަށް ގިނަ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ރުހުން ނުދެ އެވެ. އޭގެތެރޭގައި އިނގިރޭސި އެފްއޭ އާއި ފްރާންސް އަދި ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން ހިމެނެ އެެވެ. އެ އެސޯސިއޭޝަންތަކުގެ އެދުމަކީ ވީހާވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ގެންނަ ބަދަލެއް ގެނައުމަށެވެ.