ގިނަ ޓީމުތަކުން ބޭނުންވަނީ ސިޓީ ސަސްޕެންޑްކުރަން: ގާޑިއޯލާ
ގިނަ ޓީމުތަކުން ބޭނުންވަނީ ސިޓީ ސަސްޕެންޑްކުރަން: ގާޑިއޯލާ

މެންޗެސްޓާ (މެއި 18) - މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާ ކަމަށް ބުނެ، ޔުއެފާ އިން ބަލަމުން އަންނަ މައްސަލައިގައި ގިނަ ޓީމުތަކުން ބޭނުންވަނީ ސިޓީ ސަސްޕެންޑްކުރުމަށް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީން ގަވާއިދާ ހިލާފަށް ޓީމަށް ހަރަދުކޮށްފައިވާކަމަށް ބުނެ، ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑިއާ ސްޕީގަލް އިން ލީކުކޮށްލި ސިއްރު ލިޔެކިއުންތަކެއްގެ ސަބަބުން ޔުއެފާ އިން ވަނީ ސިޓީގެ މައްސަލަ ވަރަށް ވަރުގަދަ އަށް ބަލަން ފަށައިފަ އެވެ. އެ މައްސަލައިގެ ތަހުގީގުތައް މިހާރު ގާތްގަނޑަކަށް ނިމި ސިޓީ އެއް ސީޒަނަށް ޗެމްޕިއަންސް ލީގުން ސަސްޕެންޑްކުރަން ޔުއެފާ އިން ނިންމާފައިވާ ކަމަށް މަޝްހޫރު މީޑިއާއެއް ކަަމަށްވާ ނިއުޔޯކް ޓައިމްސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިނގިރޭސި ލީގު ކަޕާއި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މި ސީޒަނުގައި ހޯދާފައިވާ ސިޓީ މިރޭ ނުކުންނާނީ އެފްއޭ ކަޕް ފައިނަލުގައި ވަޓްފޯޑާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ އެ ޓީމުން އެއްވެސް ގަވައިދަކާ ހިލާފުނުވާ ކަމަށް ބުނެފަ އެވެ.

"އަހަރެން ވަރަށް ގިނަ ފަހަރު ބުނެފިން މި ޓީމަށް އަހަރެން އިތުބާރުކުރަން. ޔުއެފާ އިން އަހަރެމެންނަށް ކަމެއް ގޯސްކޮށް ކުރެވިފައިވާނަމަ އަދަބުދޭނެ. އަހަރެމެންނަށް އެނގޭ ގިނަ މީހުން ބޭނުންވަނީ މީގައި ސިޓީގެ ކުށެއް އޮތްކަން ދައްކަން. އަދި ގިނަ ޓީމުތަކުން ބޭނުންވަނީ ސިޓީ ސަސްޕެންޑް ވެސް ކުރުވަން. އެކަމަކު ހަގީގަތަކީ އަހަރެމެންނަށް ގޯހެއް ހެދުނުކަން ސާބިތުކޮށްނުދެވޭހާ ހިނދަކު އަހަރެމެންގެ ކުށެއް ނެތް. އެކަން ހަނދާން ނައްތާލައިގެން ނުވާނެ،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ސިޓީގެ މައްޗަށް ކުރެވޭ އަނެއް ތުހުމަތަކީ އެ ޓީމުން އަންނަނީ ޔުއެފާގެ ބައެއް އޮފިޝަލުންތަކަކަށް ރިޝްވަތުދީގެން ތަކުރާރުކޮށް އެފްއެފްޕީގެ ނާޖާއިޒު ފައިދާނެގުމެވެ. އަދި ކްލަބްގެ ދަރަނިތައް ފޮރުވުމަށާއި ތަފާތު ސްޕޮންސަރުންތަކެއް މެދުވެރިކޮށް އުސޫލުން ބޭރުން ކްލަބަށް ފައިސާ ހޯދައި، އެ ފައިސާ ކުޅުންތެރިން ގަންނަން ސިޓީން ހަރަދުކުރާކަމަށް ލީކުވި ލިޔެކިއުންތަކުން އެނގެ އެވެ. އެންމެ ބޮޑަށް ސިޓީން ބޭނުންކުރީ އިއްތިހާދު އެއާވޭސްގެ ފައިސާ އެވެ.

ޔުއެފާ އިން ސިޓީ ސަސްޕެންޑްކޮށްފިނަ ގާޑިއޯލާ އެ ޓީމު ދޫކޮށްލާނެތޯ ސުވާލުކުރުމުން އޭނާ ވަނީ އެކަމާމެދު ނުވިސްނާކަމަށް ބުނެފަ އެވެ.

"ޔުވެންޓަސް ނޫނީ އިޓަލީ އަށް ދާން ނޫޅެން. އަހަރެން ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަަހަރު އެބައޮތް. އަންނަ ސީޒަނުގައި ވެސް ފެންނާނީ ސިޓީން،" ގާޑިއޯލާ ބުންޏެވެ.

ސިޓީން އެފްއޭ ކަޕް ކާމިޔާބުކޮށްފިނަމަ އެ ޓީމު ވެގެންދާނީ އިނގިރޭސި ތާރީހުގައި ފުރަތަމަ ފަހަރަށް އެއް ސީޒަނެއްގަައި އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ތިން މުބާރާތް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. ގާޑިއޯލާ ބުނީ މަންޒަރު ފެންނަ ގޮތުން ސިޓީގެ ކާމިޔާބީތަކަށް މާ ގިނަ ބައެއްގެ ސަމާލުކަމެއް ނުލިބެ އެވެ.

"ބަލަމާ މިސާލަކަށް އަހަރެމެން ޕްރިމިއާ ލީގު ދިފާއުކުުރިއިރު ގިނަ ބަޔަކަށް މުހިއްމުވީ ލިވަޕޫލަށް ލީގު ނުލިބޭ ވާހަކަ. އަހަރެމެން ތިން ތަށި ހޯދިޔަސް ދެކެވޭނީ އިނގިރޭސި ތާރީހުގައި އެހެން ޓީމުތަކުން ހޯދި ކާމިޔާބީތަކުގެ ވާހަކަ. މީގެ ސިޓީ އަށް ހައްގުވާ ތައުރީފެއް ނެތް،" ހިތްހަމަނުޖެހިފައިހުރެ ގާޑިއޯލާ ބުންޏެވެ.

ސިޓީން ލީގު ކާމިޔާބުކުރުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ލިވަޕޫލަށް ނިސްބަތްކޮށް ބޭއަދަބީ އިބާރާތްތައް ހިމަނައިގެން ލަވަކިޔާފައިނުވާކަމަށާއި އެހެން ނަމަވެސް އެ ލަވައިގެ ސަަބަބުން ހިތްހަމަނުޖެހުމެއް އުފެދިފައިވާނަމަ އެކަމަށް މައާފަށް އެދޭކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި މިރޭ ވަޓްފޯޑާއި ސިޓީ ބައްދަލުކުރާ އެފްއޭ ކަޕް ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 9 ޖަހާއިރެވެ.