މޮޅުވާ ލަނޑު ޖެހޭނެ ކަމުގެ ޔަގީންކަން އޮތް: ރޮނާލްޑޯ
މޮޅުވާ ލަނޑު ޖެހޭނެ ކަމުގެ ޔަގީންކަން އޮތް: ރޮނާލްޑޯ

މިލާން (މޭ 29) - ޗެމްޕިއަންސް ލީގު ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ޓީމު މޮޅުކޮށްދޭ ލަނޑު ޖެހޭނެ ކަމުގެ ޔަގީންކަން ކުރިން ވެސް އޮތް ކަމަށް ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މޮޅުވާ ލަނޑު ޖެހޭނެ ކަމުގެ ޔަގީންކަން އޮތް: ރޮނާލްޑޯ
މޮޅުވާ ލަނޑު ޖެހޭނެ ކަމުގެ ޔަގީންކަން އޮތް: ރޮނާލްޑޯ

މިލާންގެ ސެން ސީރޯގައި ރޭ ކުޅުނު ފައިނަލުގެ 120 މިނިޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. އެތުލެޓިކޯގެ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އެ ޓީމުން ކާމިޔާބުކުރިއިރު، ހުއާންފްރާން ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ރެއާލުން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު ފަސް ވަނަ ޕެނަލްޓީ ޖެހީ ރޮނާލްޑޯ އެވެ. އޭނާ ބުނީ ޕެނަލްޓީ ޖަހަން ޖެހޭކަން އެގުމުން އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ކައިރީގައި ފަސް ވަނަ ޕެނަލްޓީ ޖަހަން ފުރުސަތު ދިނުމަށް އެދުނު ކަމަށެވެ.

"އަހަރެންނަަށް އުއްމީދު އޮތް ޓީމު މޮޅުކޮށްދޭ ލަނޑު ޖެހޭނެ ކަމުގެ. އެހެންވެ އަހަރެން ޒިދާން ކައިރީގައި އެދުނިން ފަސް ވަނަ ޕެނަލްޓީ ޖަހަން ފުރުސަތު ދިނުމަށް،" ރޭގެ މެޗަށް ފަހު ރޮނާލްޑޯ ބުންޏެވެ.

މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ރެއާލް މެޑްރިޑާ އެކު އެއް ފަހަރު އަދި މެންޗެސްޓާ ޔުނައިޓެޑާ އެކު އެއް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ރަފައެލް ބެނިޓޭޒް ވަކިކުރުމަށް ފަހު ރެއާލްގެ ކޯޗުކަން ޒިދާނާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. ޒިދާން ވަނީ ކޯޗިން ކެރިއަރު ފެށިތާ ހަ މަސް ދުވަހުގެ ތެރޭގައި ޔޫރަޕްގެ އެންމެ ބޮޑު މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ރޮނާލްޑޯ ބުނީ ޒިދާނަށް ކުރިން ވެސް އިތުބާރު އޮތް ކަމަށެވެ.

"ސީޒަންގެ ކުރީކޮޅުގައި ޓީމުތެރޭގައި އޮތް މައްސަލަތަށް ޒިދާން އައިސް ހައްލުކުރި. އެ ހިސާބުން ފެށިގެން ހުރިހާ ކުޅުންތެރިން ޓީމާ މެދު ކުރާ އިތުބާރު ބޮޑުވި. މި ކާމިޔާބީ ހާސިލްކުރެވުނީ ޒިދާންގެ ބޮޑު ހިއްސާއަކާ އެކީ،" ރޮނާލްޑޯ ބުންޏެވެ.

ޒިދާން އަކީ ކުޅުންތެރިޔެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަތް ވަނަ ފަރާތެވެ. ކުރިން ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ބާސެލޯނާގެ ކުރީގެ ދެ ކޯޗުން ކަމަށްވާ ފްރޭންކް ރައިކާޑާއި ޔޯހަން ކްރައިފް އަދި އޭސީ މިލާނުގެ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީ އާއި ރެއާލްގެ ކުރީގެ ކޯޗު މިގުއެލް މުނޯޒް އާއި ޖިއޮވާނީ ޓްރަޕަތޯނީ ވަނީ ކުޅުންތެރިޔެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.