17 މެއި 2019 - 11:01

ޔޫރަޕުގެ ބައެއް ލީގުތައް ނިމި ޗުއްޓީ ފެށުމާ އެކު މުސްލިމް ފުޓްބޯޅަ ކުޅުންތެރިން ރޯދައާ ވެސް ދިމާކޮށް އުމްރާ އަށް ދާން ފަށައިފި އެވެ.

އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް މައްކާ އަށް ގޮސް ގިނަ ބަޔެއްގެ ސަމާލުކަން އެންމެ ފުރަތަމަ ލިބުނު ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ޕައުލް ޕޮގްބާ އެވެ. ޕޮގްބާއާ އެކު ފްރާންސް ގައުމީ ޓީމަށް ކުޅޭ އެވަޓަންގެ ޑިފެންޑަރު ކާޓް ޒޫމާ ވެސް ވަނީ ދިޔަ އެވެ. މި ދަތުރުގައި ޕޮގްބާ އާއި ޒޫމާގެ ރައްޓެހިން ވެސް ވަނީ ބައިވެރިވި އެވެ.

މައްކާގައި ހުރެ ސޯޝަލް މީޑިއާގައި ޕޮގްބާ ހިއްސާކުރި ފޮޓޯއެއްގައި ބުނެފައިވަނީ އަޅުކަމަކީ މުހިއްމު ކަމެއް ކަަަމަށާއި ހަޔާތުގައި އެ ފަދަ މުހިއްމު ކަންތައްތައް މަތިން ހަނދާން ނައްތައިނުލާން އެދޭ ކަމަށެވެ.
ރަޝިއާ އާއި ޔޫރަޕްގެ އެހެން ގައުމުތަކުގެ ލީގުތަކުގެ ކުޅުންތެރިން ވެސް ވަނީ މިހާރު އުމްރާ އަށް ދާން ފަށައިފަ އެވެ. އަދި ނެދަލެންޑްސް ލީގުގައި ކުޅޭ ބައެއް ޓީމުތަކުގެ ކުޅުންތެރިން މި ހަފްތާގެ ތެރޭގައި އުމްރާ އަށް ދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އާންމުކޮށް ފުޓްބޯޅަ ސީޒަން ނިންމާލުމަށް ފަހު ގިނަ ކުޅުންތެރިން އުމްރާ އަކަށް ދެ އެވެ. އެކަމަކު ސީޒަން މެދުތެރެއިން ލިބޭ ބްރޭކުތަކުގައި ވެސް އުމްރާގެ އަޅުކަން އަދާކުރުމަށް ދާ ކުޅުންތެރިން އުޅެ އެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭ އާއި ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަދި އާސެނަލްގެ މިޑްފީލްޑަރު މެސެތު އޮޒިލް ހިމެނެ އެވެ.
މި އަހަރުގެ އިޓާލިއަން ސުޕަ ސައުދީ އަރަބިއާގެ ޖިއްދާގައި ކުޅުނުއިރު އޭސީ މިލާނުގެ ދެ ކުޅުންތެރިން ކަމަށްވާ ތުރުކީގެ ހަކަން ޗަނޮގްލޫ އާއި ފްރާންސްގެ ޓިއެމް ބަކަޔޯކޯ ވެސް އުމްރާ އަށް ދިޔަ އެވެ. އެ ފަހަރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޗަނޮގްލޫ ބުނެފައިވަނީ "އަޅުކަމަށް އަބަދުވެސް ވަގުތު ހުސްކުރަންވާނެ" ކަމަށެވެ.
މެންޗެސްޓާ ސިޓީގެ އަލްޖީރިއާ މިޑްފީލްޑަރު ރިޔާދު މާރޭޒް، ކޮންމެ ސީޒަނެއް ނިންމާލުމަށް ފަހު އާއިލާގެ މެމްބަރުންނާ އެކު އުމްރާ އަކަށް ދެ އެވެ. އަދި އެއީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސްތަކުގެ ގޮތުގައި އޭނާ ސިފަކުރެ އެވެ. އަދި އެ ދަތުރުތަކުގައި އަލްޖީރިއާގެ ގައުމީ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިންނާއި މާރޭޒްގެ ރައްޓެހިން ވެސް ބައިވެރިވެ އެވެ.
މޮރޮކޯގެ ފުޓްބޯޅަ ތަރި އަދި އަޔަކްސްގެ މިޑްފީލްޑަރު ހަކިމް ޒިޔެޗް އަކީ ވެސް ގަވާއިދުން ކޮންމެ ސީޒަނަކަށް ފަހު އުމްރާ އަށް ދާ ކުޅުންތެރިއެކެވެ.
ފަހަކަށް އައިސް ދުނިޔޭގެ ފުޓްބޯޅައިގެ މަތީ ފަޑީގައި ކާމިޔާބު ހޯދާ މުސްލިމް ކުޅުންތެރިން އަންނަނީ އަހަރަކަށް ވުރެން އަހަރެއް އިތުރުވަމުންނެވެ. އޭގެ ރެރެއިން ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހާއި އާސެނަލް މެސުތު އޮޒިލް އަކީ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ކުޅުންތެރިންނެވެ.