މަޖިލީހުގެ އާ އިމާރާތް ނިންމައި ހަވާލުކޮށްފި
މަޖިލީހުގެ އާ އިމާރާތް ނިންމައި ހަވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 13 ބުރީގެ އާ އިމާރާތުގެ މަސައްކަތް، ހަވާލުކުރިތާ ހަތް އަހަރު ފަހުން ނިންމައި މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފި އެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ އާ އިމާރާތް މަޖިލީހާ ހަވާލުކުރީ އޭޕްރިލް 10 ގައި ކަމަށާއި އެ އިމާރާތް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އާ އިމާރާތް ބޭނުންކުރަން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި އެ އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ނެޓްވޯކް އެޅުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

ޒިޔާއު ވިދާޅުވި ގޮތުގައި އާ އިމާރާތް ބޭނުންކުރަން ފެށުމުން މަޖިލީހުގެ މަސައްކަތަށް ބޮޑު ފަސޭހައެއް ވެގެން ދާނެ އެވެ. އެގޮތުން ކޮމިޓީ ތަކުގެ ބައްދަލުވުންތައް ބޭއްވުމަށާއި މެމްބަރުން ބާއްވަން ޖެހޭ އެކި ބައްދަލުވުންތަކަށް އެތައް ގުނަޔަކަށް އިތުރު ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ އިމާރާތް ބޭނުން ކުރަން ފަށާނެ ތާރީހަކާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

"އިމާރާތުގެ މަސައްކަތް ނިމި ހަވާލު ކުރި ނަމަވެސް މަޖިލީހުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އަދި އެބަހުރި، ފަރުނީޗަރު ހޯދުމާއި ނެޓްވޯޓް އެޅުން ފަދަ ކަންތައްތައް އަދި ކުރަން ޖެހޭ. ފަރުނީޗަރު ގަތުމުގެ ކަންތައް ޓެންޑާ ބޯޑުން ކުރިއަށް އެބަ ގެންދޭ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އާ އިމާރާތުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންޓްރެކްޓާސް (އާރްސީސީސީ) އާ ހަވާލުކުރީ 2011 ސެޕްޓެމްބަރު 14 ގަ އެވެ. ނަމަވެސް އެކި ސަބަބު ތަކާ ހެދި އެ މަސައްކަތް ފެށުން އެތައް ދުވަހަކަށް ލަސްވި އެވެ.