16 މެއި 2019 - 16:09

ސަރުކާރުގެ މައި، ހޮސްޕިޓަލް އައިޖީއެމްއެޗް ހިންގުމާއި ޚިދުމަތް ދިނުމުގެ އިތުރުން ވަސީލަތްތައް ތަރައްގީކުރުމުގައި ވެސް ހެލްތު މިނިސްޓްރީގެ ދައުރެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާބާދީގެ ބޮޑު ބަޔަކު ޚިދުމަތް ހޯދާ އައިޖީއެމްއެޗުން ޚިދުމަތް ހޯދަން އުފުލަން ޖެހޭ ތަކުލީފުތަކާ އެކު ޝަކުވާތައް އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. މިކަމުގެ ހިތްހަމަނުޖެހުމާއި ޝަކުވާތައް ހެލްތު މިނިސްޓްރީ އަށް ވެސް އަމާޒުކުރެ އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މިދިޔަ ސަރުކާރުގެ މެދަކާ ހިސާބުން އައިޖީއެމްއެޗުގެ ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮތީ އެ ހޮސްޕިޓަލްގެ ބޯޑާ ކަމަށެވެ. އޭގެފަހުން، މި ސަރުކާރުގައި، ބޯޑުގެ އިތުރުން އައިޖީއެމްއެޗުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކާ ކަމަށް އަމީން ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ ހާލަތު ރަނގަޅު ކުރަން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ހޮސްޕިޓަލުގެ ކަންކަން ބެލެހެއްޓުން ހަވާލުކޮށްފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްއާ އެވެ.
"އައިޖީއެމްއެޗުގެ އޮޕަރޭޝަނަލް ލެވެލްގައި، އައިޖީއެމްއެޗް ހިންގުމުގައި އިދާރީ ގޮތުންނާއި ޚިދުމަތްތައް ގާއިމްކުރުމާއި އައިޖީއެމްއެޗުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓްރީ އަކީ ސީދާ ގޮތެއްގައި ބައިވެރިވުން އޮތް ތަނެއް ނޫން. އެކަންކަން ހަވާލުކޮށްފައި ވަނީ ހެލްތު މިނިސްޓްރީއަކާ ނޫން،" އަމީން ވިދާޅުވި އެވެ.
"އެހެން ނަމަވެސް ހެލްތު މިނިސްޓްރީ އަކީ ދައުލަތުގެ ސިއްހީ ކަންކަން ރެގިއުލޭޓްކުރާ އޮތޯރިޓީ ކަމަށް ވާތީ އެ ގޮތުން ހެލްތު މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ހުންނާނެ."
މިނިސްޓަރު ވިދާޅުވީ އޭނާގެ ވެސް މަސްއޫލިއްޔަތެއް އައިޖީއެމްއެޗު ހިންގުމުގައި މިވަގުތު ނެތަސް ޝަކުވާތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުގެ އިސް ބޭފުޅުން ވިދާޅުވާ ވާހަކަ އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އައިޖީއެމްއެޗް އަބަދުވެސް ހިންގަނީ އޭރެއްގެ ސަރުކާރަކުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް ކަން އަމީން ފާހަގަކުރެއްވި އެވެ.
"އައިޖީއެމްއެޗުގެ އޮނިގަނޑު އޮންނަން ވީ ގޮތާއި ސިއްހީ ޚިދުމަތްތަކުގެ ތެރެއިން ވަކި ތަނެއްގެ ދަށަށް އަންނާނީ ކޮން ތަނެއްތޯ ނިންމާނީ ސަރުކާރުގެ ސިޔާސަތުތައް ނިންމާ ފަރާތްތަކުން. އެ ނިންމެވުމާ އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރުން އެކަމެއް ހަވާލުކުރެވޭ ފަރާތްތަކުގެ ޒިންމާއަކީ،" އަމީން ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީއާ ހަވާލުވެފައިވާ ޒިންމާތަކުގައި ނަތީޖާ ނެރެދެއްވާނެ ކަމުގެ ކަށަވަރުކަން ރައްޔިތުންނަށް މިނިސްޓަރު ދެއްވި އެވެ.
އައިޖީއެމްއެޗުގައި ވަރަށް ބޮޑެތި މައްސަލަތައް ހައްލުކުރަން ޖެހިފައިވާ ކަން މިނިސްޓްރީ އަށް އެނގޭ ކަމަށް އަމީން ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ދެއްކެވީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިގެން އިތުރުވާ ކެޕޭސިޓީއާ އެއްވަރަށް ހޮސްޕިޓަލުގައި އެނދެއް ނެތް ކަމެވެ.
އެނދުތައް އިތުރުކުރުމަކީ ޚަރަދާއި ވަގުތު ހޭދަވާނެ ކަމެއް ކަމަށާއި އެކަމަށް ވެސް ވަގުތުން ހައްލު ހޯދެން ނެތީ، ސަރުކާރު ބަދަލުވި އިރު ކަންކަން އަތްނުފޯރާ ފަށަށް ކަންކަން ގޮސްފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި އައިޖީއެމްއެޗާ ގުޅޭ ގޮތުން ރައްޔިތުން ކުރާ ޝަކުވާތަކާއި އުދާސްތަކަށް ހައްލު ހޯދަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
"ފާއިތުވި ހަ މަސް ތެރޭގައި ރައްޔިތުން ބޭނުންވާ މިންވަރަށް ކަންކަން ގޮސްފައި ނުވާ ކަމަށް ގަބޫލު ކުރެވޭ ނަމަ، އޭގެ ޖަވާބުގައި ދަންނަވަން ޖެހޭނީ ކަންކަން ރޭވިގެން ރަނގަޅު ގޮތުގައި ކުރަން ނުވިސްނައި އަޅުގަނޑުމެން އުދާސްތަކުގެ ތެރޭގައި ކުއްލި ކުއްލި ހައްލު ހޯދަން މަސައްކަތްކޮށްފި ނަމަ ދާއިމީކޮށް، ހަރުދަނާ ނިޒާމެއްގެ ގޮތުގައި ސިއްހީ ނިޒާމް ބަދަލުވެގެން ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.