17 މެއި 2019 - 12:08

ރިޔާޒް (މެއި 17) - ސައުދީ އަރަބިއާގެ މައި ދެ ތެޔޮ ހޮޅި އަށް ހޫތީން ޑްރޯން ހަމަލާ ދީފައި ވަނީ އީރާނުން އަންގައިގެން ކަމަށް ސައުދީގެ ޑިފެންސް މިނިސްޓަރުގެ ނައިބް ޕްރިންސް ޚާލިދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
ޕްރިންސް ވިދާޅުވީ ސައުދީގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ދެ ތެޔޮ ހޮޅި އީރާނުގެ މަދަދު ލިބޭ ހޫތީން ގޮއްވާލުމުގެ ބޭނުމަކީ އީރާނުގެ ޕްރޮޕަގެންޑާ އެޖެންޑާ މެދުއިރުމަތީގައި ފެތުރުން ކަމަށެވެ.
ސައުދީގެ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް އާދިލް އަލް ޖުބައިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޫތީން ދަނީ އީރާނުގެ ފައިދާ އަށް ޓަކައި ޔަމަނުގެ ރައްޔިތުން ގުރުބާން ކުރަމުން ކަމަށެވެ.
"ހޫތީންނަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޮޕްސްގެ ނުފެންނަ ބައި. ހޫތީން މަސައްކަތް ކުރަނީ ރިވޮލިއުޝަނަރީ ގާޑުގެ އޯޑަރަށް،" އޭނާ ވިދާޅުވި އެވެ.
ތެޔޮ ހޮޅިތަކަށް ދިން ހަމަލާގެ ބަދަލު ހިފަން ސައުދީ ކޯލިޝަނުން ވަނީ ޔަމަނުގެ ވެރިރަށް ސަންއާގައިވާ ހޫތީންގެ އަމާޒުތަކަށް ބުރާސްފަތި ދުވަހު ވައިގެ ހަމަލާތައް ދީފަ އެވެ. އެ ހަމަލާތަކުގައި ހަ މީހަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލްތަކުން ވަނީ ބުނެފަ އެވެ. ސައުދީ ކޯލިޝަނުން ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ މާޗް 2015 އިން ފެށިގެންނެވެ.