16 މެއި 2019 - 14:05

ސަންއާ (މެއި 16) - ޔަމަނުގެ ވެރިރަށް ސަންއާގައި ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ތަންތަނަށް ސައުދީ ކޯލިޝަނުން މިއަދު ބޮން އަޅައިފި އެވެ.
ހޫތީންގެ އަލް މަސީރާ ޓީވީން ބުނީ ހަމަލާދީފައި ވަނީ ސައުދީގެ ބޯޓުތަކުން ކަމަށެވެ. އެ ޓީވީން ބުނެފައި ވަނީ ސަންއާގެ އަރްހަބް އަވަހަށަށް ވައިގެ ހަ ހަމަލާދީފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ހޫތީ ހަނގުރާމަވެރިން ވަނީ ސައުދީގެ މައި ދެ ތެޔޮ ހޮޅިއަކަށް ޑްރޯން ހަމަލާދީފަ އެވެ. ހޫތީން ބުނެފައި ވަނީ އެއީ މާޗް 2015 އިން ފެށިގެން ސައުދީ އަރަބިއާ އިސްވެ ޔަމަނަށް ދޭ ހަމާލަތަކުގެ ބަދަލު ހިފަން ދިން ހަމަލާއެއް ކަމަށެވެ.
ދުވާލަކު ފަސް މިލިއަން ފީފާ ތެޔޮ ބޭރުކުރާ ތެޔޮ ހޮޅިތަކަކީ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފި ނަމަ ސައުދީން ތެޔޮ އެކްސްޕޯޓް ކުރާނެ ރޫޓެވެ. އެމެރިކާ އިން ހަމަލާދީފި ނަމަ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ތަކުރާރުކޮށް ދަނީ ދެމުންނެވެ.
ޓެރަރިސްޓް ހަމަލާތައް ދޭ ފަރާތްތަކާ ކުރިމަތިލުމަށް ސައުދީ ކެބިނެޓުން އިއްޔެ ވަނީ ގޮވާލައިފަ އެވެ. ސައުދީގެ ގޮވާލުމަށް އެ ގައުމުގެ ބައިވެރިއެއް ކަމަށްވާ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ތާއީދުކޮށްފަ އެވެ.