16 މެއި 2019 - 08:37

ފަރުވާ ހޯދަން އައިޖީއެމްއެޗުގެ ދޮރުން އެތެރެވެފައި ދެން ނުކުންނަ އިރު، ގިނަ މީހުންގެ ބޮލުގެ ރިހުން މާ ބޮޑެވެ؛ ޝަކުވާތަކެވެ.

ޑޮކްޓަރަށް ދައްކަން އެތައް އިރަކު ތިބެން ޖެހުމެވެ. ޚާއްސަ ބަލިތަކުގެ ޑޮކްޓަރެއްގެ ނަމްބަރެއް ނުލިބުމެވެ. ވެއިޓިން ލިސްޓުގައި ނަން ނޯޓު ކުރިއަސް، ބައެއް ފަހަރަށް، އަހަރެއް ވަންދެން ކިޔޫގައި ތިބެން ޖެހުމުގެ މާޔޫސް ކަމެވެ. އެޑްމިޓްކޮށްގެން ފަރުވާދޭން ބަލާއިރު، ބައެއް ފަހަރު އެނދެއް ނުލިބުމެވެ. ސީރިއަސް އޮޕަރޭޝަން ކުރަން ޖެހިފައި ތިބޭ މީހުންގެ ފަރުވާ ލަސްވުމެވެ. އެކަށީގެންވާ އަވަސް މިނުގައި ލެބޯޓްރީގެ ޚިދުމަތް ނުލިބުމެވެ. ޑޮކްޓަރުންނާއި ނަރުހުން ފަރުވާދޭ އިރު، ބައެއް ފަހަރަށް، ބަލި މީހުން ހިތްހަމަޖެހޭ މިންވަރަށް އަޅާނުލުމެވެ.

ޒަމާންވީ، މި މައްސަލަތައް އިތުރަށް ހޫނުވީ، މީގެ ދެ މަސް ކުރިން އައިޖީއެމްއެޗުގެ ސެންޓްރަލް އޭސީ ސިސްޓަމް ހަލާކުވެ، ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ތަކުލީފުންނެވެ. މި އުދާސްތަކުގެ ތެރެއިން، ހޮސްޕިޓަލުގެ ގޯސްތައް ފެންނަލެއް މާ ބޮޑެވެ.

ކޮންމެ ސަރުކާރަކުން ވެސް އެންމެ އިސްކަންދޭ އެއް ކަމަކީ އައިޖީއެމްއެޗުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުރިއެރުވުމެވެ. އާއްމުންގެ ތަކުލީފުތައް ކުޑަކުރުމެވެ. އެކަމަކު ހޮސްޕިޓަލުގައި ހުރި މައްސަލަތަކަށް މިހާތަނަށް ދާއިމީ ފަރުވާއެއް ނުހޯދެ އެވެ.

ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ފަރުވާ ހޯދާ ހޮސްޕިޓަލާ މެދު އާއްމުންގެ ހުރި ހިތްހަމަނުޖެހުންތަކަށް، މިި ސަރުކާރުން އައިޖީއެމްއެޗަށް އައްޔަންކުރި، ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ޖަވާބު ދެއްވަން ފެއްޓެވީ ތަފާސްހިސާބުންނެވެ.
އާއްމުން އެންމެ ހިތްހަމަޖެހޭ މިންވަރަށް ޚިދުމަތް ދޭން ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން އޭނާ "މިހާރު" އަށް ވިދާޅުވީ އެ ހޮސްޕިޓަލުން އެވްރެޖްކޮށް، ދުވާލަކު 4،000 މީހުންނަށް ޚިދުމަތް ދޭ ކަމަށެވެ. މި އަދަދަށް އަނެއްކާވެސް ބުރަ ބޮޑުވީ އޭޑީކޭ ފަދަ ބައެއް އަމިއްލަ ހޮސްޕިޓަލްތަކާއި ބައެއް ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކުމާއި އެހެން ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުން ކަމަށް ވިދާޅުވި އެވެ.
ހިސާބުތަކުން ފެންނަނީ، ސަލީމް ވިދާޅުވި ގޮތުގައި، ޑޮކްޓަރަށް ދައްކާ އަދަދު ރޯދަ މަހު ތަންކޮޅެއް މަދަސް، އޮބިނޯންނަ މިންވަރަށް ހޮސްޕިޓަލުގެ ލޯޑު ބޮޑުކަމެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ މިހާތަނަށް އައިޖީއެމްއެޗުގެ ލެބޯޓްރީން 9،000 އަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފައިވެ އެވެ. އައިޖީއެމްއެޗަކީ 100 ޕަސެންޓް އާސަންދަ ލިބޭ ހޮސްޕިޓަލަކަށް ވާތީ، ކްލިނިކްތަކާއި އަމިއްލަ ހޮސްޕިޓަލްތަކަށް ދައްކައިގެން ހަދަން ޖެހޭ ޓެސްޓުތައް ވެސް ގިނަ މީހުން ހަދަނީ އައިޖީއެމްއެޗުންނެވެ.
ފިޒިއޮތެރަޕީ އާއި އޮޕަރޭޝަންތަކުގެ ބާރު ބޮޑު ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަނެ އެވެ.
އެޑްމިޓްކޮށްފައި ބަލަދުވެރިއަކު ނެތި ތިބޭ ގިނަ ބަޔަކު ވެސް، ސަލީމް ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލުން ބަލަހައްޓަ އެވެ. ބައެއް ހާލަތްތަކުގައި ޑޮކްޓަރުންނާއި ނަރުހުން އުފުލަން ޖެހެނީ ކުޑަ ތަކުލީފެއް ނޫން ކަމަށް ވިދާޅުވި އެވެ. ވޯކް ޕާމިޓް ނެތި ޑޮކްޓަރަށް ދައްކަން ދާ ބިދޭސީންނަށް ފަރުވާ ދިނުމާއި އެ އޮންނަ އުސޫލުގެ ތެރެއިން އެ މީހުންގެ ކަންކަން ހަމަޖެއްސުމަކީ ވެސް ކޮންމެ ދުވަހަކު ހޮސްޕިޓަލުގެ މުވައްޒަފުން ކުރަމުން އަންނަ ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްފަހަރާ އެތައް ހާސް ބަލި މީހުންނަށް ފަރުވާދޭން އެ ހޮސްޕިޓަލުގައި ތިބީ 1،600 މުވައްޒަފުންނެވެ. މިއީ ވެސް ޚިދުމަތް ފޯރުކޮށްދޭން ހުރި ގޮންޖެހުމެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ.
އެންމެ ބޮޑު އެއް މައްސަލައަކީ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމާއި ޚާއްސަ ފަރުވާ ހޯދަން އެތައް ދުވަހަކު މަޑުކުރަން ޖެހުން ކަން ސަލީމް ވެސް ގަބޫލުކުރައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިޔޫ ކުޑަކުރެވޭތޯ ވެސް މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.
އައިޖީއެމްއެޗުގައި، މިހާރު ބޭނުންކުރަނީ ވަރަށް ކުރީގެ ސޮފްޓްވެއާއެކެވެ. ކިޔޫގެ ބާރު ބޮޑުވުމާއި ޑޮކްޓަރުން އަތުން ބޭސް ސިޓީ ލިއުން ފަދަ ކަންކަން ކުރަން ޖެހިފައި ވަނީ، އެ ސަބަބާ ހެދި ކަމަށް ވާތީ، އެކަން ވެސް ރަނގަޅުކުރަން ވަނީ ނިންމައިފަ އެވެ.
"އެކި ތަންތަނުގައި ބޭނުންކުރާ އެންމެ ރަނގަޅު ސޮފްޓްވެއާތައް އަޅުގަނޑުމެން ބަލައިފިން. އޭގެތެރެއިން އެންމެ ރަނގަޅު ސޮފްޓްވެއާ ގަތުމުގެ މަރުހަލާގައި މިހާރު އުޅެނީ. އޭގެން ސްޓެޓިސްޓިކްސް ރަނގަޅަށް ބެލެހެއްޓި ޚިދުމަތް ފޯރުކޮށްދިނުން ވަރަށް ބޮޑު ތަނުން ލުއިވެގެންދާނެ،" ސަލީމް ވިދާޅުވި އެވެ.
މީގެ އިތުރުން، ހުޅު ބަދަލުކުރުން ފަދަ އޮޕަރޭޝަންތައް އަވަސްކުރުމަށް، ސަލީމް ވިދާޅުވި ގޮތުގައި، އެ ޚިދުމަތް ދެވޭ އެހެން ހޮސްޕިޓަލްތަކުން ބަލިމީހާ އަށް ފަރުވާ ކުރަން އާސަންދައާ މިހާރު އަންނަނީ ވާހަކަ ދައްކަމުންނެވެ.
ހޮސްޕިޓަލަށް ގެންނަ ބަދަލުތަކުން މިހާރު ވެސް އާއްމުންނަށް ފަސޭހަތަކެއް ލިބެމުން އަންނަ ކަމަށް ސަލީމް ވިދާޅުވި އެވެ.
އެއް ކަމަކަށް ފާހަގަކުރެއްވީ މެންޓަލް ހެލްތު ކްލިނިކެވެ. ރާއްޖޭގައި ފަރުވާ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި އޮންނަ ނަފްސާނީ ބަލިތަކަށް އައިޖީއެމްއެޗުން ފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހުމާ އެކު ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަ އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެ ވައުދު ފުއްދަވަން ވައުދުވެވަޑައިގަތް ތާރީޚަށް ވުރެން މާ ކުރިން ހޮސްޕިޓަލުގައި ޚިދުމަތް ފެށުމަކީ އާއްމުންނަށް ލިބުނު ލުޔެއް ކަމަށް ސަލީމް ދެކެވަޑައިގަންނަވަ އެވެ.
އައިޖީއެމްއެޗު ހިންގަނީ ބޯޑަކުން ކަމަށް ވިޔަސް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ރައީސް އޮފީހުން ގާތުން ބަލަ އެވެ.
ހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކުރަން ސަރުކާރުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން މެދުވެރިއެއްގެ ގޮތުގައި، ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް ވަނީ ހަމަޖައްސައިފަ އެވެ.
ސަލީމް ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޝިޔާމް، ހޮސްޕިޓަލަށް ވަޑައިގެން މިހާރު ހުރި ދަތިތައް ބައްލަވައި، އެކަމުގެ ހައްލަކަށް ސަރުކާރަށް ކޮށްދެވެން ހުރި ކަންކަން އޮޅުންފިލުއްވަ އެވެ. އަދި އެކަންކަމަށް އަވަސް ހައްލެއް ހޯދައި ދޭން ވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ސަރުކާރުން އިސްކަން ދޭ، އެއްބާރުލުން ވެސް ދެއްވާ،" ސަލީމް ވިދާޅުވި އެވެ.
އެއް ކަމަކަށް ފާހަގަކުރެއްވީ، މިހާރު ދިމާވެގެން އުޅޭ އޭސީގެ މައްސަލަ އެވެ.
ކުރީގެ ސަރުކާރުގައި އިންޑިއާ އިން 2017 ގައި ފެށި މަރާމާތު ކުރުމުގެ މަޝްރޫއުގެ ތެރޭގައި ބެހެއްޓި ކޫލިން ޓަވަރުތަކުގައި، އަހަރެއް ވި އިރު މައްސަލަ ދިމާވާން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ރަނގަޅު ކުރަމުން އައީ. އެހެން ހުއްޓައި ފެބުރުއަރީ މަހުގެ ތެރޭގައި ސެންޓްރަލް ސިސްޓަމަށް މައްސަލަ ދިމާވީ. އެއީ [ކޫލިން ޓަވަރުތަކަކީ] ވަގުތުން ލިބެން ހުންނަ އެއްޗެއް ނޫން. އޯޑަރުކޮށްގެން މެލޭޝިއާ އިން ގެނައީ، އެހެންވީމަ ވަގުތު ނެގީ،" ސަލީމް ވިދާޅުވި އެވެ.
އިމަޖެންސީ ރޫމް، ހޫނު ގަދަކަމުގެ މައްސަލަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ހައްލުވާނެ ކަމުގެ ޔަގީން ކަން އޭނާ ދެއްވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގެ ނަރުހުން މަދުވުމުގެ މައްސަލަ ހައްލުކުރަން 35 ނަރުހުން ހޯދަން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
"ނަރުހުންގެ ކަންކަމުގައި ވެސް [ރައީސް އޮފީހުން] އަޅުގަނޑުމެންނަށް ލިބުނު އިރުޝާދަކީ ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުން. ސަތޭކަ ޕަސެންޓް އެއްބާރުލުން އެބަ ލިބޭ،" ސަލީމް ވިދާޅުވި އެވެ.
އެހެންކަމުން މައްސަލަތައް ހައްލުކޮށް، ތަކުލީފުތައް ކުޑަކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.