15 މެއި 2019 - 15:16

ނިއު ދިއްލީ (މެއި 15) - އުޑުމަތީގައި ވިލާ ބޯވުމުން މަތިންދާ ބޯޓުތައް ރާޑަރަށް ނާރާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވުމުން ބައެއް މީހުން ޖޯކް ޖަހަން ފަށައިފި އެވެ.
އާއްމު އިންތިޚާބުގެ ކެމްޕޭނުގައި މޯދީ ފަހަކަށް އައިސް ދައްކަވާ ބައެއް ވާހަތައް ދެކޮޅު ނުޖެހޭ ކަމަށް ބުނެ ފާޑު ކިޔުންތައް ވެސް ދަނީ އަމާޒުވަމުންނެވެ. މިފަދަ އެއް ވާހަކައެއްގައި މޯދީ ވަނީ އީ-މެއިލް ޓެކްނޮލޮޖީ ދުނިޔެ އަށް ތައާރަފްވުމުގެ ކުރިން އީމެއިލެއް އެޓޭޗްމަންޓެއް ފޮނުވި ކަމަށް ވިދާޅުވެ އަމިއްލަ ނަފްސަށް ޚުޝާމަދު ކުރައްވައިފަ އެވެ.
މިދިޔަ ހަފުތާ ބަންދުގައި މޯދީ ދެއްވި ޓީވީ އިންޓަވިއުއެއްގައި ވިދާޅުވީ ފެބްރުއަރީ މަހު ޕާކިސްތާނަށް ހަމަލާ ދިނުމަށް އެންގެވީ އެ ދުވަސްވަރު އުޑުމަތީގައި ވިލާ ބޯވުމުން ޕާކިސްތާނުގެ ރާޑަރުތަކަށް އިންޑިއާގެ ބޯޓުތައް ނުފެންނާނެތީ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން ވަރަށް ވިލާ ބޯ ވާހަކަ އާއި ވާރޭ ވެހޭ ވާހަކަ. އެހެންވެ އެކަމުން އިންޑިއާ އަށް ފައިދާ ކުރާނެ ކަމަށް،" ނިއުސް ނޭޝަން ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މޯދީ ވިދާޅުވި އެވެ. "ވިލާ ބޯވުމުން އިންޑިއާގެ ބޯޓުތަކަށް ސަލާމަތް ވެވޭނެ. އަޅުގަނޑު ދެންނެވިން ހަމަލާ ދިނުން އަވަސް ކުރާށޭ."
މޯދީގެ ޕާޓީ، ބީޖޭޕީން ވެސް ވަނީ އެ ވާހަކަ ޓްވީޓްކޮށްފަ އެވެ. ނަމަވެސް މޯދީގެ އެ ވާހަކަތަކަށް ނޫހަކުން ފާޑުކިޔަން ފެށުމުން އެ ޓްވީޓް ވަނީ ޑިލީޓްކޮށްލައިފަ އެވެ.
އުމުރުން 68 އަހަރުގެ މޯދީ އަށް ޖޯކް ޖައްސަވަމުން އިދިކޮޅު ކޮންގްރެސް ޕާޓީގެ ސީނިއާ ބޭފުޅެއް ކަމަށްވާ ސަލްމާން ސޯޒް ވިދާޅުވީ ރާޑަރު މަސައްކަތް ކުރާ ގޮތް އެއްވެސް މީހަކު މޯދީ އަށް ކިޔައި ނުދީ އޮތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެއީ ސަމާސާ ކަމެއް ނޫން ކަމަށާއި އެއީ ގައުމީ ސަލާމަތާ ގުޅިފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޓަވިއުގައި މޯދީ ވަނީ އޭނާ އަކީ 1987 ނުވަތަ 88 ގައި އިންޑިއާގައި ފުރަތަމަ ޑިޖިޓަލް ކެމެރާ ބޭނުންކުރި މީހާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ދުވަސްވަރު އީމެއިލް ބޭނުން ކުރަނީ މަދު މީހެއް ކަމަށާއި 80 ގެ އަހަރުތަކުގެ ފަހުކޮޅު އީމެއިލް އެޓޭޗްމަންޓެއްގެ ގޮތުގައި ޑިޖިޓަލް ފޮޓޯއެއް ފޮނުވި ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
ރިސާޗަރެއް ކަމަށްވާ ނަތަނިއެލް ބޮރެންސްޓެއިން ވިދާޅުވީ 1992 ވަނަ އަހަރާ ހަމައަށް އީމެއިލް އެޓޭޗްމަންޓެއް ފޮނުވާފައި ނުވާ ކަމަށެވެ.