15 މެއި 2019 - 14:59

ވިލާ ކޮލެޖުގެ މެއި މަހުގެ އިންޓޭކުގެ ކިޔެވުން އާދިއްތަ ދުވަހު ފަށައިފި އެވެ.

އެ ކޮލެޖުން ބުނީ މާލޭގައި ހުންނަ ކިއު.އައި ކެމްޕަސްގެ އިތުރުން ރަށްރަށުގައި ހުންނަ ކެމްޕަސްތަކާއި ލާނިން ސެންޓަރުތަކުގައި ކިޔެވުން ފަށާފައިވާ ކަމަށެވެ. އެ ދަރިވަރުންގެ އޮރިއެންޓޭޝަން ބާއްވާފައިވަނީ ވިލާ ކޮލެޖުގެ ހޯލުގަ އެވެ.
އެ ބައްދަލުވުމުގައި ވިލާ ކޮލެޖު ސްކޮލަޝިޕް ހާސިލްކުރި ދަރިވަރުންނަށް ހަނދާނީ ލިޔުން ދީފައި ވެ އެވެ. އަދި ވިލާ ކޮލެޖުގެ ސްޓޭޑެންޓް އެމްބެސެޑަރަކަށް ވުމުގެ ފުރުސަތު ވެސް އެ ހަފުލާގައި ވަނީ ހުޅުވާލައިފަ އެވެ.
މާލޭގެ އިތުރުން ސ. ހިތަދޫ އާއި ޅ.ނައިފަރާއި ހދ. ކުޅުދުއްފުއްޓާއި ށ.ފުނަދޫ އާއި ގުރައިދޫ އާއި އދ. މަހިބަދޫގައި ވިލާގެ ކެމްޕަސް ހުރެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ލާނިން ސެންޓަރުތައް ގާއިމްކޮށްފައި ވެ އެވެ. އެއީ ހއ.ހޯރަފުށި، ށ. ކޮމަންޑޫ، ނ. ކެނދިކުޅުދޫ، ރ.އުނގޫފާރު، ރ.އަލިފުށި، ރ.މާކުރަތު، ބ.އޭދަފުށި، ބ. ތުޅާދޫ، އއ.އުކުޅަސް، އދ.މާމިނގިލި، ދ.ކުޑަހުވަދޫ، ފ. ނިލަންދޫ، ހއ. ދިއްދޫ، ގއ.ވިލިނގިލި އަދި ގދ.ގައްދޫ އެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ދަރިވަރުންނަށް މަހުން މަހަށް ފީ ދެއްކޭނެ އިންތިޒާމް ވެސް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ސަރުކާރުގެ ހަރަދުގައި ވިލާގެ ހުރިހާ ޑިގްރީ ޕްރޮގްރާމެއް ހިލޭ ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
މީގެ 12 އަހަރު ކުރިން އުފެއްދި ކޮލެޖުން އަންނަނީ އެ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓާސް އަދި ޑިގްރީ ކޯސްތައް ހިންގަމުންނެވެ.