ޕެންޝަން ފައިސާ އިން މި އަހަރު ހައްޖަށް ދެވޭނެކަން އެނގޭނީ އުސޫލު ހެދުމުން: ޕެންޝަން އޮފީސް
ޕެންޝަން ފައިސާ އިން މި އަހަރު ހައްޖަށް ދެވޭނެކަން އެނގޭނީ އުސޫލު ހެދުމުން: ޕެންޝަން އޮފީސް

ޕެންޝަން ފައިސާ އިން މި އަހަރު ހައްޖަށް ދެވޭނެކަން އެނގޭނީ އެކަމާ ގުޅޭ ގަވާއިދު އެކުލަވާލައި ނިމުމުން ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހައްޖަށް ދިއުމަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ ގަވާއިދު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މުއްދަތު ހަމަވުމުގެ ކުރިން ގަވާއިދު ގެޒެޓުކުރަން ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރެއްވީ މިިދިޔަ މާޗު 10 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގަވާއިދު ހަދައި ޕެންޝަން އޮފީހުން ގެޒެޓުކުރަންޖެހޭނެ އެވެ.

"ގަވާއިދު ގެޒެޓް ކުރުމުން އެނގޭނެ މި އަހަރު ހައްޖަށް ދާން ބޭނުންވާ މީހުންނަށް ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނެކަން،" އޭނާ ވިދާޅުވި އެވެ.

ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އެކަމަކު، ބޭނުން ކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސެންޓް ކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފަ އެވެ.