04 ސެޕްޓެމްބަރ 2016 - 10:50

ރާއްޖޭގައި ހިންގާ ޕާކިސްތާނުގެ ހަބީބް ބޭންކުގެ ބްރާންޗެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.
މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ހަބީބް ބޭންކްގެ ބްރާންޗެއް ހުޅުވި ފުރަތަމަ ފަހަރެވެ. ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބްރާންޗު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދިވެހި ސަރުކާރާ މެދު އިތުބާރުކޮށް، ހަބީބް ބޭންކްގެ ހިދުމަތްތައް ފުޅާ ކުރަން މަސައްކަތް ކުރާތީ އެ ބޭންކްގެ އިސްވެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ހުރިހާ ބޭންކުތަކުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
"މި ބޭންކަކީ [ހަބީބް ބޭންކް] ރާއްޖޭގައި ހިދުމަތްދޭ ބޭންކުތަކުގެ ތެރެއިން އެންމެ އިތުބާރު ކުރެވޭ އެއް ބޭންކް، ސަރުކާރަށް ކުރާ އިތުބާރަށް ވެސް ބޭންކަށް ޝުކުރު ދަންނަވަން،" ސައީދު ވިދާޅުވި އެވެ.
ހަބީބު ބޭންކުން ބުނީ ރާއްޖޭގެ އާބާދީ ބޮޑުވަމުން އަންނަ ވަރަކަށް، އެ ބޭންކްގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
މާލޭގައި ހުންނަ ހަބީބު ބޭންކުން ލިބޭ ހުރިހާ ހިދުމަތެއް ހުޅުމާލެއިން ވެސް ލިބޭ ގޮތަށް ހުޅުވި މި ބްރާންޗްގައި އެކައުންޓް ހުޅުވުމާއި އެނޫން ވެސް މާލީ ހިދުމަތްތައް ލިބޭނެ އެވެ. އަދި އޭޓީއެމްއެއް ވެސް ހުޅުމާލޭ ބްރާންޗްގައި ވަނީ ބަހައްޓައިފަ އެވެ.
ރާއްޖޭގައި ހަބީބު ބޭންކްގެ ހިދުމަތް ދޭން ފެށީ 1976 ގަ އެވެ. މިއީ ރާއްޖޭގައި ހިދުމަތް ދޭ ބޭރުގެ ބޭންކްތަކުގެ ތެރެއިން އެންމެ ދުވަސްވީ ބޭންކެވެ. ހަބީބު ބޭންކްގެ 25 ބްރާންޗެއް އެކި ގައުމުތަކުގައި އެބަހުއްޓެވެ.