18 މެއި 2019 - 08:35

މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެންޖެލީނާ ޖޮލީގެ "މެލަފިޝަންޓް" ގެ ދެވަނަ ބައިގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
ކުރިން އަންނަ އަހަރު ގެނެސްދޭ ގޮތަށް އޮއްވައި މި އަހަރަށް އަވަސް ކުރި "މެލަފިޝަންޓް: މިސްޓްރެސް އޮފް އީވިލް" އަކީ މި ފިލްމުގެ ފުރަތަމަ ބަޔާ އެއްގޮތަށް ޖޮލީ ވެސް ވަރަށް ތަފާތު ކެރެކްޓާއަކުން ފެންނާނެ ފިލްމެވެ. ޓީޒާ އިން ވެސް ވަނީ ފިލްމަށް ޝައުގުވެރިކަން އިތުރަށް ބޮޑުކޮށްދީފަ އެވެ.
ޑިޒްނީން ގެނެސްދޭ މި ފެންޓަސީ އެޑްވެންޗަ ފިލްމުގެ ޓައިޓްލް ރޯލުން ޖޮލީ ފެނިގެންދާ އިރު، އޭނާއާ އެކު މި ފަހަރު ކާސްޓުން ފެނިގެން ދާނެ ތަރިންގެ ތެރޭގައި އެލް ފެނިންގް، އިޑް ސްކެރީން، ހެރިސް ޑިކިންސަން، ޖޫނޯ ޓެމްޕަލް އަދި އިމެލްޑާ ސްޓޯންޓަން ހިމެނެ އެވެ.
"މެލަފިޝަންޓް: މިސްޓްރެސް އޮފް އީވިލް" ސިނަމާތަކަށް އަންނާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 18 ގަ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ 2017 ގައި ރިލީޒް ކުރި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން: ޑެޑް މޭން ޓެލް ނޯ ޓޭލްސް" އެސްޕީން ސެންޑްބާގާ ގުޅިގެން ޑައިރެކްޓް ކުރި ޖޯޗިމް ރޮނިން އެވެ.
"މެލަފިޝަންޓް" ބެލުންތެރިންނަށް ގެނެސް ދިނީ 2014 ގަ އެވެ. ރޮބަޓް ސްޓްރޮންބާގް ޑައިރެކްޓް ކުރި އެ ފިލްމަކީ ބޮކްސް އޮފީހުގައި 758.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހަދަން ގާތްގަނޑަކަށް 263 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ.