17 މެއި 2019 - 09:47

މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ބަދާއީ ހޯ" އަށް ފަހު، ވަރަށް ގިނަ ފުރުސަތުތައް މިހާރު ލިބެމުން އަންނަ ކަމަށް ނީނާ ގުޕްތާ ބުނެފި އެވެ.
ދަރިން ބޮޑެތިވެފައި ވަނިކޮށް، ބަލިވެ އިންނަ ދުވަސްވީ އަންހެނެއްގެ ރޯލް "ބަދާއީ ހޯ" ގައި ކުޅެގެން މި އަހަރުގެ ބޮޑެތި ފިލްމު އެވޯޑްތަކުގައި ނީނާ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓް ވެސް ވެފަ އެވެ.
އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި 59 އަހަރުގެ ބަތަލާ ބުނީ "ބަދާއީ ހޯ" އަކީ ކުއްލިއަކަށް ކެރިއަރު ބަދަލުކޮށްލި ފިލްމެއް ކަމަށެވެ.
"އޭގެ ފަހުން ފަހުން ވަރަށް ގިނަ ފުރުސަތުތައް އަދި ވަރަށް ޝައުގުވެރި ކެރެކްޓާތައް ކުޅެން ލިބޭލެއް ވަރަށް ބޮޑަށް އިތުރުވެއްޖެ،" މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާގެ މަންމަ ބުންޏެވެ.
"ބަދާއީ ހޯ" އަށް ފަހު، ނީނާ ވަނީ ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒްތަކެއް ވެސް ކުޅެފަ އެވެ. އެއީ "މިއުޒިކް ޓީޗާ" އާއި "މޭޑް އިން ހެވެން" އެވެ. އަދި ދާދި ފަހުން އޭނާ ކުޅުނު ފިލްމު "ދަ ލާސްޓް ކަލާ" އަކީ ބޭރުގެ ވަރަށް ގިނަ ފެސްޓިވްލަތަކުގައި ދައްކައިގެން ކްރިޓިކުންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ފިލްމެކެވެ.
ނީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަންގަނާ ރަނާވަތުގެ "ޕަންގާ"، އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" އަދި "ގްވާލިއާ" ކިޔާ ފިލްމެއް ހިމެނެ އެވެ.
"ކެރިއަރުގެ ވަރަށް ވެސް އުފާވެރި އަދި އެހާމެ ހިތްހަމަޖެހޭ ފޭސްއެއްގައި އަހަރެން މިހާރު މިހުރީ. މި ވަގުތު ވަރަށް ބޭނުންވޭ ކޮމެޑީ ފިލްމެއް ވެސް ކުޅެން. އަހަންނަށް އަބަދު ވެސް ވަރަށް ކަމުދާ ޖޯންރާއެއް އެއީ،" ޓީވީ ސިލްސިލާ "ސާންސް" ޑައިރެކްޓް ކުރި ނީނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބޮލީވުޑްގައި މިހާރު ގިނަ މީހުން ފިލްމުތައް ހަދަނީ ތަރިންނަށް ބަރޯސާވުމުގެ ބަދަލުގައި ކޮންޓެންޓަކީ "ހީރޯ" ކަމަށް ދެކިގެންނެވެ. އެހެންވެ އެކި ފެންވަރުގެ އަދި އެކި ގިންތީގެ ތަރިންނަށް ފިލްމުތަކުގައި ޝައުގުވެރި ރޯލްތައް ކުޅެން ލިބެމުން އަންނަ ކަމަށް ބުންޏެވެ.
"ހާއްސަކޮށް ބަތަލާއިންނަށް ވަރަށް އުޖާލާ ދުވަސްތަކެއް ކުރިއަށް އޮތީ،" މިދިޔަ އަހަރު "ވީރޭ ދީ ވެޑިން" އާއި "މުލްކް" ގެ ރޯލްތަކެއް ވެސް ކުޅުނު ނީނާ ބުންޏެވެ.