14 މެއި 2019 - 20:27

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އަލްފަތުހު ހައްޖު ގްރޫޕުން ފައިސާ އަތުލި މީހުންގެ ތެރެއިން ބަދަލު ނުލިބޭ މީހުންގެ މައުލޫމާތު މި މަހުގެ ނިޔަލަށް ފުލުހަށް ހިއްސާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އެދިއްޖެ އެވެ.
އެ މައްސަލައާ ގުުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ މީގެ ފަސް އަހަރު ކުރިން އުސޫލާ ހިލާފަށް ފައިސާ މީހުންގެ އަތުން ނެގި މައްސަލައިގައި، އެ ޖަމާއަތުގެ ވެރިޔާ މުސްތަފާ މުހައްމަދުދީދީގެ މައްޗަށް ކުރި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުނުވާ ކަމަށް 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް ފައިސާ ނެގި މީހުންގެ ތެރެއިން ގެއްލުމުގެ ބަދަލު ނުލިބޭ އެތައް ބަޔަކު އަދިވެސް ތިބިކަން ފާހަގަކުރި އެވެ.
"މި މައްސަލައިގެ ގެއްލުމުގެ ބަދަލު ލިބިފައިނުވާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރި މަސައްކަތުން، ބައެއް ފަރާތްތަކާ އަދި ވެސް ގުޅިފައިނުވާތީ، މި މައްސަލާގައި މިހާތަނަށް ގެއްލުމުގެ ބަދަލު އެއްވެސް ގޮތަކުން ލިބިފައިނުވާ ފަރާތެއް ހުރި ނަމަ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމްބަރު 9790048 ފޯނަށް ގުޅުއްވައި މި މަހުގެ 30 ގެ ކުރިން އެ މައުލޫމާތު ހިއްސާކޮށްދެއްވުން އެދޭ ވާހަކަ ދެންނެވީމެވެ،" ޕީޖީގެ ބަޔާނުގައި ވެ އެވެ.
އިސްލާމިކް މިނިސްޓްރީން ދޫކުރި ކޯޓާ އަށް ވުރެ އިތުރަށް 125 މީހެއްގެ އަތުން ފަތުހު ޖަމާއަތުން ވަނީ ގިނަ އަދަދެއްގެ ފައިސާ ނަގައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ ހަރަދުގައި ކުރިން ހައްޖަށް ގެންގޮސްފައި ވެ އެވެ.