އައިޝްވަރިޔާ ދެކެ އަމީތާބު ރުޅިއައީތަ؟
އައިޝްވަރިޔާ ދެކެ އަމީތާބު ރުޅިއައީތަ؟

ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "އޭ ދިލް ހެ މުޝްކިލް"ގެ ފުރަތަމަ ޓްރެއިލާއާ އެކު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ފިލްމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީގެ ގައިގޯޅި މަންޒަރުތަކެވެ. އިޝްތިހާރު ފެނުނު ގިނަ މީހުންނަށް ވެސް އައިޝްވަރިޔާ މިފަދަ މަންޒަރުތަކެއް ކުޅެފައިވާތަން ފެނުމުން ލިބުނު ހައިރާންކަން ބޮޑެވެ.

އަބީޝެކް ބައްޗަންއާ އައިޝްވަރިޔާ ކައިވެނި ނުކުރާއިރު ވެސް ބައެއް ފިލްމުތަކުގައި މިފަދަ މަންޒަރުތައް އޭނާ ކުޅެފައި އެބަހުއްޓެވެ. ނަމަވެސް އެ ފިލްމުތަކަށް ވުރެ ވެސް މި ފިލްމުގެ އިޝްތިހާރުގައި ފެންނަ މަންޒަރު މާ ބޮޑަށް ވެސް ގައިގޯޅި އެވެ.

މި އިޝްތިހާރު ދައްކަން ފެށުމުގެ މާ ކުރިން ވެސް މިފަދަ މަންޒަރުތަކެއް ޑައިރެކްޓަރު ކަރަން ޖޯހަރް އައިޝްވަރިޔާ ލައްވާ ކުޅުވައިގެން އައިޝްވަރިޔާގެ ބަފައިބެ އަދި މަޝްހޫރު ފިލްމު އެކްޓަރު އަމީތާބު ބައްޗަން ރުޅިގަދަވެގެން އެ މަންޒަރުތައް ފިލްމުގައި ހިމަނައިގެން ނުވާނެކަމަށް ކަރަން އަށް އެންގިކަމަށް ވެސް ޚަބަރުތައް ފެތުރުނެވެ. މިއީ ހަގީގީ ވާހަކަތަކެއް ކަމެއް ޔަގީނެއް ނޫނެވެ. ޔަގީންވަނީ ކަރަން "އޭ ދިލް ހެ މުޝްކިލް"ގެ ފުރަތަމަ އިޝްތިހާރުގައި ވެސް އެ މަންޒަރުތައް ހިމަނާފައިވާ ކަމެވެ.

އިޝްތިހާރު ނުކުތްތާ މާ ގިނައިރެއް ނުވެ އަނެއްކާވެސް އަމީތާބަށް މި އިޝްތިހާރު ފެނިފައި ބޮޑު ޝޮކެއް ލިބި ވަރަށް ރުޅިގަދަވެފައިވާ ކަމުގެ ވާހަކަތައް ނޫސްތަކުން ފެންނަން ފެށި އެވެ. އަމީތާބު ރުޅިއައިސްފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައި ގިނަ ނޫސްތަކުން ފާހަގަކުރަނީ އޭނާ އަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ މީހަކަށް ވިޔަސް "އޭ ދިލް ހެ މުޝްކިލް"ގެ ޓްރެއިލާ ޕްރޮމޯޓްކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވުމެވެ.

އަމީތާބު ދަނީ އޭނާގެ ދެން އެންމެ އަވަހަށް ރިލީޒްވާ "ޕިންކް"ގެ އިޝްތިހާރުތައް ޝެއާކޮށް އެ ފިލްމު ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުންނެވެ. ނަމަވެސް އައިޝްވަރިޔާގެ ފިލްމުގެ ނަން ވެސް އަމީތާބު ބޭނުންކޮށްފައެއް ނުވެ އެވެ.

ކަރަން އޭނާގެ ފިލްމުގެ ފުރަތަމަ ޓްރެއިލާ ސޯޝަލް މީޑިއާގައި އާއްމުކުރުމާ އެކު ޝާހްރުކް ޚާނާއި އާމިރު ޚާން ފަދަ ވަރަށް ގިނަ ތަރިން އެމީހުންގެ އަމިއްލަ ޓުވިޓާ އާއި ފޭސްބުކް އެކައުންޓްތަކުން މި ޓްރެއިލާ ޕްރޮމޯޓްކޮށްދީފައިވެ އެވެ. އަދި މި އިޝްތިހާރަށް ތައުރީފުކޮށް ވެސް ވަރަށް ގިނަ ތަރިން ވާހަކަ ދެއްކި އެވެ. ނަމަވެސް އަމީތާބުގެ ޚަބަރެއް ނުވި އެވެ. ޅީދަރިފުޅުގެ ފިލްމެއްގެ އިޝްތިހާރެއް ނުކުމެގެން އުޅޭކަން އަމީތާބަށް ނުވެސް އެނގޭ ކަހަލަ އެވެ.

އަމީތާބު ރުޅިއައިސްގެން އުޅޭ ވާހަކަ ދައްކަނީ މި ސަބަބާ ހުރެ އެވެ. ނަމަވެސް އައިޝްވަރިޔާގެ ފިރިމީހާ އަބީޝެކް ވަނީ އެ އިޝްތިހާރު ޓުވީޓްކޮށްފަ އެވެ. ނަމަވެސް އޮގަސްޓް 29 ވަނަ ދުވަހު އެ ޓްރެއިލާ ރީޓުވީޓްކުރުން ފިޔަވައި އަބީޝެކް އިޝްތިހާރާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ނުކުރެ އެވެ.

ނަމަވެސް ފަހުން ބައްޗަން އާއިލާއިން އިޝްތިހާރު ބަލާފައި އައިޝްވަރިޔާ ދެކެ ރުޅިއައިސްގެން އުޅޭކަމުގެ ޚަބަރުތައް ނޫސްތަކުގައި ޖަހަން ފެށުމުން ޖެހިގެން އައި ދުވަހު އަނެއްކާވެސް އަބީޝެކް ހަމަ އެ އިޝްތިހާރު ޓުވީޓްކުރި އެވެ.

"ވަރަށް ބަރާބަރު ކަރަން ޖޯހަރް. ފިލްމު ބަލާހިތުން ކެތްމަދުވެފައި،" އަބީޝެކްގެ ދެ ވަނަ ޓުވީޓްގައި ލިޔެފައިވެ އެވެ.

އަމީތާބުގެ މުޅި އާއިލާއިން އައިޝްވަރިޔާ ދެކެ ހަމަ ހަގީގަތުގައި ވެސް ރުޅި އައީ ހެއްޔެވެ؟ މިކަމާ ބެހޭ ގޮތުން ބޮލީވުޑްލައިފްގައި ބުނާ ގޮތުން މި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެވެ. އަމީތާބު ވެސް އަދި އެ އާއިލާގެ އެއްވެސް މީހަކު އައިޝްވަރިޔާގެ ރޯލާ މެދު ހިތްހަމަނުޖެހި ރުޅިއައިސްގެނެއް ނޫޅެ އެވެ. ސަބަބަކީ އެ އާއިލާގެ އެންމެންނަކީ ވެސް މަޝްހޫރު އަދި ތަޖުރިބާކާރު ފިލްމީ ތަރިންނަށް ވުމެވެ. އެހެންކަމުން ފިލްމެއް ކުޅޭއިރު އެކްޓަރަކު ކޮންމެހެން ބޭނުންވެގެން ނޫނަސް ކޮންމެހެން ކުޅެން މަޖްބޫރުވާ މަންޒަރުތައް ހުންނާނެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް އެމީހުންނަށެވެ.

ފިލްމުގެ ސްކްރިޕްޓްގެ ނަރޭޝަން ދިން އިރު އެ މަންޒަރުތައް ފިލްމުގައި ހިމެނޭކަން އައިޝްވަރިޔާއަށް އޮތީ އެނގިފަ އެވެ. އެހެންކަމުން އޭނާ އެކަމާ ބެހޭ ގޮތުން ފިރިމީހާ އަބީޝެކް އާއި އަދި އަމީތާބާއި ޖާޔާ ބައްޗަންއާ ވެސް މަޝްވަރާ ކޮށްފައި ލަފާ ހޯދި ކަމަށްވެ އެވެ. އަދި އައިޝްވަރިޔާ އެ ފިލްމު ކުޅެން ސޮއިކުރީ އެންމެން ވެސް މައްސަލައެއް ނެތް ކަމަށް ބުނުމުން ކަމަށް އާއިލާގެ ގާތް މީހަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

"އޭ ދިލް ހެ މުޝްކިލް"ގެ އެ ގައިގޯޅި މަންޒަރަކީ ފިލްމަށް ވަރަށް މުހިއްމު މަންޒަރެއް ކަމަށް އެންމެންވެސް ގަބޫލު ކުރެ އެވެ.

އައިޝްވަރިޔާ ދަންނަ ގިނަ މީހުން ބުނަނީ އޭނާ އަކީ މައިދައިތަ އާއި ބަފައިބެ އަމިއްލަ މައިންބަފައިންގެ ގޮތުގައި ދެކޭ މީހެއް ކަމަށާއި އެމީހުން ރުޅި އަންނަ ވަރުގެ ކަމެއް އޭނާ ނުކުރާނެ ކަމަށެވެ.

އެހެން ކަމަށްވާ ނަމަ އަމީތާބު ސޯޝަލް މީޑިއާގައި އެ ފިލްމު ޕްރޮމޯޓް ކޮށްނުދެނީ ކީއްވެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އަމީތާބުގެ ފަރާތުން ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެކަމަށް ބެލެވެ އެވެ.