15 މެއި 2019 - 08:32

ގިނަ ބަޔަކު ފަލަވާން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ހަރަކާތްތެރިވުން ކުޑަވުމެވެ. ވަކިން ހާއްސަކޮށް، އިށީނދެ އިނދެ ތިބެ މަސައްކަތް ކުރަން ޖެހޭ މީހުންނަށް ބިރު ވަކިން ބޮޑެވެ. އެހެންވެ ހެލިފެލިވެ އުޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

އެކަމަކު އޭގެ މާނަކީ ހިކެން ނުވަތަ ބަރުދަން ލުއިކުރަން އެހާ ވަރުގަދަ އަށް ކަސްރަތު ކުރަން ޖެހުމެއް ވެސް ނޫނެވެ. ކުރަންވީ ކަމަކީ ކޮޅަށް ހުރެވޭ ވަގުތު އިތުރު ކުރަންވީ އެވެ. އާ ދިރާސާއެއްގައި ބުނާ ގޮތުން ދުވާލެއްގެ މައްޗަށް މަދުވެގެން ހައެއްކަ ގަޑިއިރު ކޮޅަށް ހުރުމަކީ ބަރުލަން ލުއި ކުރެވިދާނެ ގޮތެކެވެ. މިއީ ދާ އޮހޮރުވުމަކާ ނުލައި އަދި މާ ބޮޑު ތަކުލީފެއް ވެސް ނެތި ކުރެވިދާނެ ކަމެކެވެ.
ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޝަން އެންޑް ކާޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން ދުވާލަކު ހައެއްކަ ގަޑިއިރި ކޮޅަށް ހުރުމުން 54 ކެލޮރީޒް އަންދައިލާނެ އެވެ. އެއީ މިނިޓަކަށް 0.15 ކެލޮރީޒްގެ މަގުންނެވެ.
އެއީ އަހަރެއްގެ ތެރޭގައި މަދުވެގެން 5.5 ޕައުންޑް (2.5 ކިލޯ) އެވެ.
"އެހެންވީމާ ބަރުދަން ލުއި ކުރަން ދިގު މުއްދަތަކަށް ކުރާ މަސައްކަތުގެ ތެރޭގައި ކޮޅަށް ހުންނަ ވަގުތު އިތުރު ކުރުމަކީ ކުރެވިދާނެ ކަމެއް. މިއީ ހައްޓަށް ވެސް ލުއިކޮށް، ހިކެން މަސައްކަތް ކުރެވިދާނެ މާ ފަސޭހަ ގޮތެއް،" ދިރާސާ ޓީމްގައި ހިމެނޭ ކާޑިއޮލޮޖިސްޓް ފްރާންސިސްކޯ ލޮޕޭޒް- ޖިމެނޭޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަ ގަޑިއިރު ކޮޅަށް ހުރުމުގެ މާނައަކީ ހުރި ތަނުގައި ހުއްޓި ހުރުމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އޮފީހުގައި މަސައްކަތް ކުރަން އިންނަ ވޯކް ސްޓޭޝަނަކީ ވެސް ކޮޅަށް ހުރެވޭ ކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ ޑެސްކަކަށް ހެދި ދާނެ އެވެ.
"މީގެ މައިގަނޑު ޕޮއިންޓަކީ އިށީނދެ އިނދެގެން އިންނަ ވަގުތުތައް މަދުކޮށް، ހަރަކާތްތެރިކަން އިތުރު ކުރުން،" ފްރާންސިސްކޯ ވިދާޅުވި އެވެ.
ހަރަކާތްތެރި ދިރިއުޅުމަކުން ބޮޑެތި ބަލިތަކުން ރައްކާތެރިކޮށް ދޭން މަގުފަހިކޮށް ދޭނެ އެވެ.