14 މެއި 2019 - 12:48

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާ އުފުލަމުންދިޔަ ވެހިކަލަކަށް ގެއްލުންވެ އަރިއަޅާލައިގެން ނުރައްކާތެރި ހާދިސާއެއް ރޭ ހިނގައިފި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.
"މިހާރު" އަށް އެނގިފައިވާގޮތުގައި އެ ހާދިސާ ހިނގީ ކޮންޓެއިނާ އުފުލާ ވެހިކަލް، ބާޗްހޭންޑްލާއެއް ހުސް ކޮންޓެއިނާއެއް އުފުލަން އުޅުމުގެ ތެރޭގައި އެ ވެހިކަލްގެ ޖެކެއްގެ ޕިނެއް ބިންދައިގެންގޮސް އަރިއަޅާލައިގެންނެވެ.
އަރި އަޅާލި ވަގުތު އެ ވެހިކަލް ގޮސް ޖެހުނީ އެ ތަނުގައި މަތިމައްޗަށް ބަހައްޓާފައި ހުރި އެހެން ކޮންޓެއިނާތަކެއްގަ އެވެ. އޭގެ ތެރެއިން ތިން ކޮންޓެއިނާ އަރިއަޅާލި އެވެ.
"ވަރަށް ނުރައްކާތެރި ހާދިސާއެއް އެ ހިނގީ. ނަސީބަކުން މީހަކަށް އަނިޔާއެއް ނުވެ ސަލާމަތްވީ،" އެ ހާދިސާ ހިނގިގޮތް އެނގޭ މީހަކު ނަން ނުޖެހުމަށް އެދި މިހާރަށް ކިޔައިދިނެވެ.
މީގެ ކުރިން އެ ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގައި މީހުން މަރުވެފައި ވެސް އެބަހުއްޓެވެ. އަދި ބައެއް ހާދިސާތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ވެސް ލިބިފައިވެ އެވެ.