04 ސެޕްޓެމްބަރ 2016 - 08:36

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހަކު ދެންމެއަކު މަރުވެއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ 28 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ އަކީ، ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ރޭ 11:35 ހާއިރު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ދެ މީހުންގެ ތެރެއިން އެކަކެވެ.
"ވެންޓިލޭޓަރުގެ އެހީގައި ނޭވާލަމުން ދިޔައީ. މިއަދު ހެނދުނު ވަނީ މަރުވެފައި،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ޒަހަމްވެގެން ގެނައި އަންހެނަކު ދެންމެއަކު މަރުވެފައިވާކަން އައިޖީއެމްއެޗުގެ ތަރުޖަމާނު ޒީނަތު އަލީ ހަބީބު ވެސް ޔަގީންކޮށްދެއްވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެ މީހާ އަށް ލިބިފައި ހުރި ޒަހަމްތަކުގެ ތަފްސީލު ދެވޭނީ ފަހުން ކަމަށެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވީ، ފުލުހުން ބުނި ގޮތުގައި، ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ އެޗުޑީސީގެ ނާސަރީ ކުރިމަތިން އުތުރަށް ސައިކަލު ދުއްވާފައި ދަނިކޮށް ފަހަތުން އައި ކާރު ސައިކަލުގައި ޖެހިގެންނެވެ. ސައިކަލު ފަހަތު ސީޓުގައި އިން އަންހެން މީހާ މަރުވި އިރު، ސައިކަލު ދުއްވަން އިން 35 އަހަރުގެ ފިރިހެން މީހާ އަށް ވެސް ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ވެސް ވަނީ، ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހަމަ އެ ވަގުތު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު ރޭ ދަންވަރު އައިޖީއެމްއެޗަށް ގެނެސް އިތުރު ފަރުވާ ދޭން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިރިހެން މީހާ ވެސް އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި. އޭނާ އަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން،" ތަރުޖަމާނު ވިދާޅުވި އެވެ.
އެކްސިޑެންޓުވި ކާރުގައި ތިބި މީހުންގެ އަދަދާއި އެ މީހުންނަށް އެއްވެސް އަނިޔާއެއް ލިބުނު ކަމެއް އަދި ސާފެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.