13 މެއި 2019 - 20:01

ރާއްޖެ އާއި މި ސަރަހައްދުގެ ސަލާމަތީ ކަންކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްބާރުލުން ދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
އެމްއެންޑީއެފްގައި އޮތް އެ ބައްދަލުވުމުގައި އެލެއިނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސަލާމަތީ ކަންކަމަށް ދޭ ސަމާލުކަން ފާހަގަކުރައްވާފައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އެގޮތުން، ރާއްޖެ އާއި މި ސަރަހައްދުގެ ސަލާމަތީ ކަންކަމަށް އެއްބާރުލުން ދިނުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށް ސަފީރު ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ދިވެހި ސިފައިން އެމެރިކާގައި ތަމްރީނު ކުރުމަށާއި އެހެނިހެން ގޮތްގޮތުން އެ ގައުމުން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި، ދިވެހި އަސްކަރިއްޔާ އިން އަންނަނީ ހާލަތަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ އެކު، އެމެރިކާ އިން ކުރިއަށް ވުރެ ބޮޑަށް ގުޅުން ބަދަހިކޮށް، އެހީތެރިކަން ފޯރުކޮށްދެމުންނެވެ.