13 މެއި 2019 - 15:17

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ރިވިއު ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
"މިހާރު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒު ވިދާޅުވީ، ޗައިނާއާ އެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
"އޭގައި މައިގަނޑުގޮތެއްގައި މައްސަލައަކަށް ވެފައި އޮތީ އެކަން ގެންދެވިފައިވާ ގޮތައި އޭގައި ހުރި ބައެއް ކަންބޮޑުވުންތައް،" އޭނާ ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ ޑިސެމްބަރު 18، 2014 ގަ އެވެ. އަދި އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކޮށްފައި ވަނީ ނޮވެމްބަރު 29، 2017 ގަ އެވެ.
ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއި ކުރުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުނެފައިވެ އެވެ.