13 މެއި 2019 - 14:48

ރޮމޭނިއާ އަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝަރަފުގައި އެ ގައުމުގެ މުސްލިމުންގެ ލީޑަރު މުފްތީ މުއްރަތު ޔޫސުފް ހާއްސަ ރޯދަ ވީއްލުމެއް ބާއްވަވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ގްރޭންޑް މުފްތީ މުރައްތު ދެއްވި ރޯދަވީއްލުން އޮތީ ރޮމާނިއާގެ ވެރިރަށް ބުކަރެސްޓްގައި ހުންނަ ހަންޗެއާ ކެރޯލް މިސްކިތުގައި ކަމަށެވެ.
ރޮމޭނިއާގެ މުސްލިމުންގެ އިސް ބޭފުޅުންނާ އެކު ޝާހިދު ބައިވެރިވަޑައިގެންނެވި އެ ރޯދަ ވީއްލުމަށް ރާއްޖޭގެ ވަފުދުގެ އެހެން ބޭފުޅުން ވެސް ވަޑައިގެންނެވި އެވެ. ޝާހިދުގެ އަރިހުގައި ރޮމޭނިއާ އަށް ވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލާއި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ރަޒާނާ އެވެ.
ޝާހިދު ރޮމޭނިއާ އަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ތިއޮޑޯ މެލެސްކާނޯގެ ދައުވަތަކަށެވެ. ދަތުރުފުޅުގައި އޭނާ ވަނީ ރޮމޭނިއާގެ އިސް ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާތައް ކުރައްވައިފަ އެވެ. އެގޮތުން ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ރޮމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރު އަނާ ބަޗޯލްއާ ހިމެނެ އެވެ.