ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ކަބީރު ހާންގެ ކްރިކެޓް ފިލްމު "83" ގެ މިއުޒިކް ހަދަން ޕްރިތަަމްއާ ހަވާލުކޮށްފި އެވެ.

އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމުގައި އެންމެ މުހިއްމު ރޯލެއް ކުޅެނީ ރަންވީރު ސިންގެވެ. އޭނާ "83" ގައި ފެނިގެން ދާނީ އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލުންނެވެ.

މި ފިލްމުވެގެން ދާނީ ރަންވީރު ކުޅޭ ފިލްމެއްގެ މިއުޒިކް ޕްރިތަމް ހަދައިދޭ ފުރަތަމަ ފަހަރަށެވެ.

އިނގިރޭސިވިލާތުގައި ބޮޑު ބައި ޝޫޓް ކުރާ "83" ގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، ފިލްމުގެ ޓީމް ވަނީ 83 ގެ މުބާރާތުގައި ޗެމްޕިއަންކަން ހޯދި ޓީމްގެ ބައެއް މެމްބަރުންނާ އެކު ވެސް ވަރަށް ގިނަ ދުވަހުގެ ޓްރޭނިން ވެސް ހަދައިފަ އެވެ.

"ބަޖިރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ފަދަ ފިލްމުތައް ގެނެސް ދިން ކަބީރުގެ "83" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 10 ގަ އެވެ.

ބޮލީވުޑްގެ ބަތަލާ ހޫމާ ގްރޭޝީގެ ފުރަތަމަ ވެބް ސީރީޒް "ލީލާ" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ތައްޔާރުވެއްޖެ އެވެ.

ހަ އެޕިސޯޑް އެކުލެވޭ ސީރީޒް ސްޓްރީމް ކުރަން ފަށާނީ އަންނަ މަހުގެ 14 އިން ފެށިގެންނެވެ.

"ލީލާ" އަކީ "މިޓްނައިޓްސް ޗިލްޑްރެން" އާއި "ފަޔަ" އަދި "ވޯޓާ" ފަދަ ފިލްމުތައް ގެނެސް ދިން އިންޑިއާ ދަރިކޮޅުގެ ކެނެޑާގެ ޑައިރެކްޓަރު ދީޕާ މެހެތާ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

"ލީލާ" ގައި ކިޔައި ދޭނީ މުސްލިމު ފިރިހެނަކާ ކައިވެނިކޮށް އަންހެން ދަރިއަކު ލިބޭ މީހެއްގެ ދަރިފުޅު އުމުރުން ތިން އަހަރުގައި ގެއްލި އޭނާ ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެވެ.

މީގެ ކާސްޓުންގެ ތެރޭގައި ސިދާތު، ސީމާ ބިސްވާސް، ރާހުލް ކަންނާ އަދި ސަންޖޭ ސޫރީ ފަދަ ތަރިން ހިމެނެ އެވެ.

ބަތަލާ ތާޕްސީ ޕައްނޫ ލީޑް ރޯލް ކުޅެފައިވާ ފިލްމު "ގޭމް އޯވާ" ގެ ޓީޒާ އަންނަ ބުދަ ދުވަހު ދައްކައިލަން ނިންމައިފި އެވެ.

ރިލީޒް ކުރާނެ ތާރީހު އަދި އިއުލާން ނުކުރާ މި ފިލްމަކީ ތިން ބަހަކުން ގެނެސްދޭ ފިލްމެކެވެ. އެއީ ހިންދީގެ އިތުރުން ތެލެގޫ އާއި ތަމަޅަ އެވެ.

ސްޓޯރީ ލައިން އަދި ސިއްރުކޮށްގެން އުޅޭ ތުރިލާ "ގޭމް އޯވާ" ގެ ޑައިރެކްޓަރަކީ އަޝްވިނީ ސަރުވަނަން އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގައި ތާޕްސީ ފެނިގެން ދާނީ ނުކުޅެދޭ މީހެއްގެ ރޯލުންނެވެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ މާޗް މަހު ރިލީޒް ކުރި އަމީތާބް ބައްޗަންގެ "ބަދުލާ" އިންނެވެ.

ރޯހިތު ޝެޓީގެ އާ ފިލްމު "ސޫރިޔާވަންޝީ" ގެ ވިލަންގެ ރޯލަށް އަބިމަންޔޫ ސިންގް ސޮއިކޮށްފި އެވެ.

މީގެ ކުރިން ވެސް ގިނަ ފިލްމުތަކެއްގައި ނުބައިބައި ރޯލްތައް ކުޅެފައިވާ އެކްޓަރު މި ފަހަރު ކުރިމަތިލާނީ ފުލުހެއްގެ ރޯލް ކުޅޭ އަކްޝޭ ކުމާރާ އެވެ.

މިހާރު ޝޫޓިން ކުރިއަށްދާ ފިލްމުގެ ބަތަލާއަކީ ކެޓްރީނާ ކެއިފެވެ.

ރޯހިތާއި ކަރަން ޖޯހަރު ގުޅިގެން ގެނެސްދޭ "ސޫރިޔަވަންޝީ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

ޝާހިދު ކަޕޫރްގެ އާ ފިލްމު "ކަބީރު ސިންގް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ 2017 ގައި ރިލީޒް ކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމެކެވެ. ހިންދީ ފިލްމުގެ ޓައިޓްލް ރޯލް ޝާހިދު ކުޅެފައިވާ އިރު، ފިލްމުގެ ބަތަލާއަކީ ކިއާރާ އަދުވާނީ އެވެ. މި ފިލްމުގައި ކިޔައި ދޭނީ ލޯބީގެ މައްސަލަނޑެއްގައި އަމިއްލަ ނަފުސު ހަލާލުކޮށްލާ މެޑިކަލް ސްޓޫޑަންޓެއްގެ ވާހަކަ އެވެ.

"ކަބީރު ސިންގް" ވެސް ޑައިރެކްޓް ކުރީ "އަރުޖުން ރެޑީ" ލިޔެ، ޑައިރެކްޓް ކުރި ސަންދީޕް ވަންގާ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 21 ގަ އެވެ.