29 މެއި 2016 - 08:01

ބަޣުދާދު (މެއި 29) - އިރާގުގެ ފައްލޫޖާ ސިޓީން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ބޭރުކުރުމުގެ އޮޕަރޭޝަނުގައި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އިރާގު ސަރުކާރުން ބުނެފި އެވެ.

ބީބީސީން ބުނި ގޮތުގައި ފައްލޫޖާ ކައިރީގައި އޮންނަ ކަރްމާ މިހާރު ވަނީ އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. ބަޣުދާދުގެ ހުޅަނގުން 28 މޭލު ދުރުގައި އޮންނަ ފައްލޫޖާ ހިފުމަށް ކޮމްބެޓް ސިފައިންގެ ލަޝްކަރެއް ފޮނުވާފައިވީ ނަމަވެސް އިރާގު ސިފައިންނަށް އަމާޒުކޮށް އައިއެސް އިން ދަނީ ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާތައް ދެމުންނެވެ.
އެމެރިކާ އިން ބުނެފައި ވަނީ ކޯލިޝަނުގެ ވައިގެ ހަމަލާތަކެއްގައި ފަލުއްޖާގައި ހުންނަ އައިއެސްގެ ކޮމާންޑަރު މާތާ އަލް ބިލާވީ މަރާލާފައިވާ ކަމަށެވެ.
ފައްލޫޖާ ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފެށި އިރު އެ ސިޓީގައި އާއްމުންގެ 50،000 މީހުން ތާށިވެފައި ތިބި ކަމަށް އދ. އިން ބުނެފައިވެ އެވެ. އަދި އެ ސިޓީގެ އާއްމުންގެ ގިނަ ބަޔަކު ބަނޑަށް މަރުވަމުންދާ ކަމަށް ވެސް އދ. އިން ބުނެފައިވެ އެވެ. މީގެ އިތުރުން އައިއެސްއާ ގުޅިގެން ހަނގުރާމަ ކުރަން ދެކޮޅު ހަދާ މީހުން މަރާ ކަމަށް ވެސް ބުނެފައިވެ އެވެ. ފައްލޫޖާގެ އާއްމުން އައިއެސްގެ މަރުކަޒުތަކާ ގާތް ނުވުމަށް އިރާގު ސިފައިން ވަނީ އިންޒާރުކޮށްފަ އެވެ. އަދި އާއްމުން ތިބޭ ތަންތަނުގައި ހުދު ދިދަ ނަގައިގެން ތިބުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އައިއެސްގެ ބާރުގެ ދަށަށް ފައްލޫޖާ ގެންދިޔައީ 2014 ވަނަ އަހަރު އެވެ. އައިއެސްގެ ބާރުގެ ދަށުގައި އޮތް އިރާގުގެ ދެން އެންމެ ބޮޑު ސިޓީ އަކީ މޫސަލް އެވެ.