ޔުނިފޯމް މިންގަނޑާ ހިލާފުވި އިމިގްރޭޝަންގެ މުވައްޒަފުން ވަކި ކުރަން ފަށައިފި
ޔުނިފޯމް މިންގަނޑާ ހިލާފުވި އިމިގްރޭޝަންގެ މުވައްޒަފުން ވަކި ކުރަން ފަށައިފި

އިމިގްރޭޝަންގެ ޔުނިފޯމް މިންގަނޑާ ހިލާފުވި ކަމަށް ބުނެ ނޯޓިސް ދިން މުވައްޒަފުން އޮފީހަށް ނުނިކުންނަން އަންގައި ވަޒީފާއިން ވަކި ކުރަން ފަށައިފި އެވެ.

އިސްތަށިގަނޑާއި ތުނބުޅި އާއި މަތިމަސް އަދި ފަޓުލޫނުގެ ފައިކުރި ޔުނިފޯމްގެ މިންގަނޑަށް ނުހުންނަ މުވައްޒަފުން އެކަން ރަނގަޅު ކުރަން އިމިގްރޭޝަނުން މުހުލަތެއް ދިނެވެ.

އެނގިފައިވާ ގޮތުގައި އެ މުހުލަތު ހަމަވިއިރު އެ ކަންކަން ރަނގަޅު ނުކުރުމުން ފަހަކަށް ވުރެ ގިނަ މުވައްޒަފުން ވަކި ކުރަން ނިންމި އެވެ. ވަކި ކުރަން ނިންމި މުވައްޒަފުންގެ ތެރޭގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު ހަސަން ނަވާޒް އާދަމާއި ގިނަ ދުވަސްތަކެއް ވަންދެން އެ ތަނުގައި މަސައްކަތްކޮށްފައިވާ މުވައްޒަފުން ހިމެނެ އެވެ.

އިމިގްރޭޝަންގެ އެސިސްޓަންޓް ކޮންޓްރޯލަރު ހާމިދު ފަތުހުﷲ ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު އެ މުވައްޒަފުންނަށް ވަކިވަކިން ފޮނުވި ލިޔުމުގައި ވަނީ ޔުނިފޯމް މިންގަނޑާ ހިލާފުވެގެން އެކަން ރަނގަޅު ކުރުމަށް އެންގުމުން އެކަމާ އިއުތިރާޒް ކުރި މުވައްޒަފުން ވަޒީފާގައި ގެންގުޅުމަކީ ދަތިކަމެއް ކަމަށެވެ.

އެހެންކަމުން، ވަޒީފާ އަށް ނުނިކުތުމަށާއި އެހެން ވަޒީފާއެއް ހޯދުމަށް އެއް މަސްދުވަހުގެ މުއްދަތެއް ދޭ ކަމަށް އެ ލިޔުމުގައި ބުންޏެވެ. އަދި ސިވިލް ސާވިސްގެ އެހެން ވަޒީފާއެއް ހޯދުމުގައި އެ މުއްދަތުގެ ތެރޭގައި އެހީތެރިކަމަށް އެދިއްޖެ ނަމަ، އެކަން ކޮށްދޭނެ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ.

މީގެ އިތުރުން، ލިޔުމާ ހަވާލުވާ ވަގުތު އިމިގްރޭޝަންގެ އައިޑެންޓިފިކޭޝަން ކާޑާއި ޔުނިފޯމް ރޭންކު އަދި ނަން ޓެގު ހަވާލު ކުރުމަށް ވެސް އެ ލިޔުމުގައިވެ އެވެ. އަދި ދެ ދުވަހުގެ ތެރޭގައި ޔުނިފޯމްގެ ހުރިހާ ބައިތަކެއް އިމިގްރޭޝަނާ ހަވާލު ކުރުމަށް ވެސް އެ ލިޔުމުގައި އަންގާފައިވެ އެވެ.

އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި މި ނޯޓިސް ލިބުނު އެއްވެސް މުވައްޒަފަކަށް މާދަމާ އިން ފެށިގެން އޮފީހަކަށް ނުނިކުމެވޭނެ އެވެ.

އިމިގްރޭޝަންގެ ޔުނިފޯމް އެޅުމުގެ ގަވާއިދު ބުނާ ގޮތުން ފިރިހެން މުވައްޒަފެއްގެ ތުނބުޅި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގުނުވާ ވަރަށެވެ. އަދި ބޯ ވެސް އެކަށީގެންވާ ވަރަށް ތުނި ކޮށްފައި ހުންނަން ޖެހޭއިރު، ފައިކުރި ކުރުކޮށްފައި ބެހެއްޓުމަކީ މަނާ ކަމެކެވެ.

އިމިގްރޭޝަނުން ބުނީ ގައުމީ ސަލާމަތާ ގުޅުން ހުރި، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ގާނޫނީ ޒިންމާތަކެއް ހަވާލުކޮށްފައިވާ އިދާރާގެ މުވައްޒަފުން ކޯޑް އޮފް ކޮންޑަކްޓާ ޔުނިފޯމް މިންގަނޑަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުންގެ ތުނބުޅިއާ ގުޅުވައިގެން ވަޒީފާއިން ވަކިކުރުމަކީ ރަސޫލާގެ ސުންނަތާ ދެކޮޅަށް ސަރުކާރުން ހިންގަމުން އަންނަ ނުރައްކާތެރި އެޖެންޑާގެ ފުރަތަމަ ފިޔަވަހި ކަމަށް ބުނެ އަދާލަތު ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.