14 މެއި 2019 - 08:29

ބޮލީވުޑްގެ ހާނުންގެ ތެރެއިން އެކްޓް ކުރުމުގެ ގޮތުން އެންމެ ވަރުގަދަ ހާނަކީ އިރުފާން ހާން ކަމަށާއި އޭނާއާ އެކު މަސައްކަތްކުރަން ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް، ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ހާނުން ކަމަށްވާ ޝާހްރުކް ހާނާއި ސަލްމާން ހާނާއި އާމިރު ހާނާ އެކު ފިލްމުތައް ކުޅެފައިވާ ކަރީނާ ކަޕޫރް ބުނެފި އެވެ.
އިރުފާން މިހާރު ކުޅެމުން އަންނަ ފިލްމު "އަނގްރޭޒީ މީޑިއަމް" ގައި ކަރީނާ ފެންނާނީ ފުލުހެއްގެ ރޯލުންނެވެ.
އެ ފިލްމާ ބެހޭ ގޮތުން އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއްގައި ކަރީނާ ބުނީ އިފުރާނަކީ އެހެން އެއްވެސް ހާނަކަށް ދޫނުކުރާ ވަރުގެ މޮޅު އެކްޓަރެއް ކަމަށެވެ.
"އޭނާއާ އެކު މަސައްކަތް ކުރަން ލިބުނީމަ ވަރަށް އުފަލުން މި ހުންނަނީ. އަހަރެން ބުނާނީ އިންޑިއާގެ އެންމެ މޮޅު އެކްޓަރުންގެ ތެރެއިން އެކެކޭ އިރުފާނަކީ،" އޭނާ ބުންޏެވެ. "މިހާތަނަށް އަހަރެން ހުރިހާ ހާނުންނާ އެކު ވެސް މަސައްކަތްކޮށްފިން. އެކަމަކު އިރުފާނާ އެކު މަސައްކަތް ކުރިން ލިބުނީމަ މުޅިން އެހެން ކަހަލަ އިހުސާސެއް ކުރެވުނީ. ވަރަށް ބޮޑަށް އުފާވެފައި މި ހުންނަނީ. އަދި އެއީ އެހާމެ ބޮޑު ޝަރަފެއް."
ހޯމީ އަދަޖާނިއާ ޑައިރެކްޓް ކުރާ "އަނގްރޭޒީ މީޑިއަމް" ގެ ކްރޫއާ ކަރީނާ ގުޅޭނީ އަންނަ ބުދަ ދުވަހު އެވެ.
"އެ ފިލްމުން އަހަންނަށް ކުޅެން ލިބުނު ރޯލަކީ އެހާ ބޮޑު ރޯލެއް ނޫންް. އެކަމަކު އިރުފާން ވަރުގެ އެކްޓަރަކާ އެކު ސްކްރީން ހިއްސާކޮށްލަން ލިބުމަކީ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން." ކަރީނާ ބުންޏެވެ.
ދިނޭޝް ޖިވަންގެ މެޑޮކް ފިލްމްސް އިން ހަދާ "އަނގްރޭޒީ މީޑިއަމް" އަކީ އިރުފާނާ އެކު 2017 ގައި ގެނެސް ދިން "ހިންދީ މީޑިއަމް" ގެ ދެވަނަ ބައެވެ.
މި ފަހަރު ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ އިރުފާނާއި ކަރީނާ އާއި ރާދިކާ މަދަންގެ އިތުރުން ޕަންކަޖް ތުރިޕަތީ އެވެ.
"އަނގްރޭޒީ މީޑިއަމް" ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ އެޕްރީލް، 25، 2020 ގަ އެވެ.