12 މެއި 2019 - 20:32

ސިފައިންގެ ސެނަހިޔާ ހޮސްޕިޓަލުގެ ފެންވަރު މަތި ކުރުމާ ބެހޭގޮތުން އިންޑިއާ ސިފައިންގެ އިސްވެރިންތަކާ އެކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި އިންޑިއާގެ ސިފައިންގެ މެޑިކަލް ސާވިސްގެ ޑިރެކްޓާ ޖެނެރަލް މޭޖާ ޖެނެރަލް ޕްރަޝާންތު ބްރަދްވާޖް މިއަދު ހެނދުނު މިނިސްޓަރު މާރިޔާއާ ބަައްދަލު ކުރައްވައި، ސެނަހިޔާ ހޮސްޕިޓަލްގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
މޭޖާ ބްރަދްވާޖް އާއި އިންޑިއާގެ ސިފައިންގެ ވަފުދުގެ ބޭފުޅުން ވަނީ މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ ވެސް މިއަދު ބައްދަލު ކުރައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައުމާ އެކު އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީތައް އިތުރުކޮށް، އަސްކަރީ ގުޅުންތައް ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.