12 މެއި 2019 - 19:06

އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުގެ އަންހެން ކުޅުންތެރިން ބައިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ތައިލެންޑުގައި މިއަދު ފެށި ޖޫނިއާ މުބާރާތުން މެޑެއްޔެއް ހޯދުމާ ދާދި ގާތަށް ދީމާ ޖެހިލީ، ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ ގްރޫޕުގެ ދެ ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއް ވަނަ ހޯދީ އިންޑިއާ ކުޅުންތެރިޔެކެވެ.

ގްރޫޕް ސްޓޭޖުގައި ދީމާ ކުޅުނު ހަތަރު މެޗުގެ ތެރެއިން، ފުރަތަމަ މެޗުން އިންޑިއާ އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް އޭނާ ވަނީ އަނެއް ތިން މެޗު ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ. އެގޮތުން ދެ ވަނަ މެޗުން ލެބަނަން އަތުން އަދި ތިން ވަނަ މެޗުން ތައިލެންޑް އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ފަހު މެޗުން ކަޒަކިސްތާން އަތުން މޮޅުވީ 3-1 ސެޓުންނެވެ.
ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީގެ ކޯޗުކަމުގައި މުބާރާތުގައި ވާދަކުރާ ދީމާ ސެމީ ފައިނަލުގައި މާދަމާ ހެނދުނު ބައްދަލުކުރާނީ އީރާން ކުޅުންތެރިޔަކާ އެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ އޭނާ އަށް މެޑެއްޔެއް ކަށަވަރުވާނެ އެވެ. ބަލިވިޔަސް ތިން ވަނަ ހޮވާ މެޗުން ފުރުސަތު ލިބި ލޯ މެޑަލް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
މިއީ 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އިންޓަނޭޝަނަލް ޓީޓީ ފެޑެރޭޝަނުން އޭޝިއާގައި ބާއްވާ އެންމެ ބޮޑު ޓޭބަލް ޓެނިސް މުބާރާތެވެ. އޭޝިއާގެ އެކި ސަރަހައްދުތަކުގެ އެ އުމުރުފުރާގެ ޗެމްޕިއަނުންނާއި ރަނަރަޕް ކުޅުންތެރިން ވާދަކުރާ މި މުބާރާތުން ދީމާ އަށް ފުރުސަތު ލިބުނީ މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގައި ބޭއްވި ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.
އެ ކާމިޔާބީއާ އެކު އުމުރުން 11 އަހަރުގެ ދީމާ ވެފައިވަނީ ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ އަށް ޓޭބަލް ޓެނިހުން، އެއްވެސް ކެޓަގަރީއަކުން ރަން މެޑެއްޔެއް ހޯދައިދިން ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ސީނިއާ ޓީޓީ އަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މުއީނާ މުހައްމަދު ރިހި މެޑަލް ހޯދުމެވެ.
ދީމާ ވަނީ މާލޭގައި މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 12 އަހަރުން ދަށުގެ ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ. އަދި އޭނާ ހިމެނިގެން ރާއްޖޭގެ އަންހެން ޓީމުން ވަނީ ޖޫނިއާ ކެޓަގަރީންނާއި ކެޑޭޓް ކެޓަގަރީން ލޯ މެޑެޔެއް ވެސް ހޯދި އެވެ.
މި އަހަރުގެ ގައުމީ ޓީޓީ މުބާރާތް ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ޓީޓީ ކުޅުންތެރިޔާގެ ޝަރަފް ހޯދި ދީމާ ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއާ އެކު ސްވިޑަންގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު އޮތް ވޯލްޑް ޓީމް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި އޭނާ ވާދަކުރީ އެ މުބާރާތުގެ އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ.
އޭނާ ފާހަގަކުރެވުނީ 2016 ވަނަ އަހަރު މެލޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތެއްގައި ޗެމްޕިއަންކަން ހޯދުމުންނެވެ. ދުނިޔޭގެ ޓޭބަލް ޓެނިހުގެ ކުރީގައި އޮތް ގައުމެއް ކަމަށްވާ މެލޭޝިއާގެ ވަންސަ މަޖޫ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 11 އަހަރުން ދަށުގެ ބައިން އޭނާ ރަން މެޑަލް ހޯދީ ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. މި އަށް މެޗުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
އޭނާ ވަނީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން 2017 ވަނަ އަހަރު ހޯދައިފަ އެވެ. މުޅި ލަންކާ އަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި، ލަންކާގެ ހުރިހާ ސަރަހައްދަކުން ޖުމްލަ 208 ކުޅުންތެރިން ބައިވެރިވި 10 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ދީމާ ހޯދީ އޭނާ އަށް ވުރެ ދެ އަހަރު ދޮށީ ކުޅުންތެރިންނާ ވާދަކޮށްގެންނެވެ.
ލަންކާގައި އުފަންވި ދީމާ އޭނާއާ އެކު އާއިލާއާ އެކު މިދިޔަ އަހަރާ ހަމަޔަށް ވެސް ދިރިއުޅެމުން އައީ ލަންކާގަ އެވެ. އޭނާ ލަންކާގައި ހޯދި ކާމިޔާބީތަކާ އެކު ލަންކާ ގައުމީ ޓީމަށް ކުޅެން ވެސް ދައުވަތު ދިނެވެ. އެކަމަކު އޭނާގެ މަންމަ އާއި ބައްޕަ ނިންމީ ރާއްޖެ އަށް ކުޅުވާށެވެ.
ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ ތަމްސީލްކޮށް، އަދި ދީމާ އަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އަށް ހެދުމަކީ ހުވަފެނެއް ކަމަށް ދީމާގެ މަންމަ ވަނީ "މިހާރު" ގެ ނޫސްވެރިން ގާތު ބުނެފަ އެވެ. އަދި އެ ހުވަފެން ސީދާކުރުމަށްޓަކައި، ރާއްޖެ އައިސް މިދިޔަ އަހަރު ރާއްޖޭގެ ގައުމީ މުބާރާތުގައި ވާދަކުރުމާ އެކު ލަންކާގެ ޖޫނިއާ ގައުމީ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުނެވެ. އެހެންވިޔަސް އޭނާގެ އާއިލާ އިން ބޭނުންވީ ރާއްޖެ ތަމްސީލްކުރާށެވެ.